.jpg&w=3840&q=75)
-
މިއަދު ސްޕެއިންގައި ހިނގި އެކްސިޑެންޓެއްގައި ޑިއޯގޯ ޖޮޓާގެ އިތުރުން އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސްޕެއިންގެ ހުޅަނގު އުތުރުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ލިވަޕޫލް އެފްސީގެ ފޯވާޑް ޑިއޯގޯ ޖޮޓާ އާއި އިތުރު މީހަކު މަރުވި ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައި އެވެ. މި އެކްސިޑެންޓުގައި ދެން މަރުވި 26 އަހަރުގެ މީހާއަކީ ޑިއޯގޯ ޖޮޓާގެ ކޮއްކޮ އަންދްރޭ ސިލްވާކަން މިހާރު އެދެމީހުންގެ އުފަން ގައުމު ޕޯޗުގަލްގެ މީޑިއާތަކުން މިހާރު ވަނީ ކަށަވަރުކޮށްދީފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި އެކްސިޑެންޓު ހިނގީ ސްޕެއިންގެ ހުޅަނގު އުތުރުގައި އޮންނަ ޒަމޯރާގައި އެވެ. އެގޮތުން ސްޕެއިންގެ މީޑިއާތަކުން މި ހާދިސާ އެންމެ ފުރަތަމަ ރިޕޯޓުކުރަމުން ބުނީ ހެނދުނު ހިނގި އެކްސިޑެންޓެއްގައި ކާރެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ކާރުގައި ތިބި ދެމީހުންވެސް މަރުވެފައިވާ ކަމަށެވެ. އަދި ކާރުގައި ތިބީ ޑިއޯގޯ އާއި ކޮއްކޮ އަންދްރޭކަން ކަށަވަރުވީ މާފަހުންނެވެ.
ޑިއޯގޯ ޖޮޓާ ލިވަޕޫލަށް ކުޅެމުން އަންނަނީ ސްޓްރައިކަރެއްގެ ގޮތުގައި އެވެ. އުފަން ޕޯޗުގަލްއިން ކެރިއަރު ފެށި ފޯވާޑް އިންގްލެންޑަށް އައުމުގެ ކުރިން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ވެސް ދުވަސްކޮޅަށް ކުޅެފައިވެ އެވެ. އޭގެ ފަހުން އޭނާ ވަނީ 2020 ވަނަ އަހަރު ވޮލްވާހެމްޕްޓަން ވޮންޑާސް އިން މާސީސައިޑް ކްލަބާ ގުޅިފަ އެވެ.
އޭނާގެ ކޮއްކޮ އަންދްރޭއަކީވެސް ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ޓީމަކަށް ކުޅެމުން އަންނަ ހުނަވެރި ފުޓްބޯޅަ ކުޅުންތެރިއެކެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި އެދެމީހުން ސްޕެއިންނަށް ގޮސްފައިވަނީ ޗުއްޓީއަކަށެވެ.
ޑިއޯގޯ ޖޮޓާ މަރުވި އިރު އޭނާ ވަނީ މީގެ ދެ ހަފުތާ ކުރިން އޭނާގެ ޒަމާނަވީ ލޯބިވެރިޔާ ރުޓޭ ކާޑޯސޯއާ ކައިވެނިކޮށްފަ އެވެ. އެދެމީހުންނަނީ 2021 ވަނަ އަހަރުން ފެށިގެން ލޯބީގެ ގުޅުން އޮތް ދެމީހުންނެވެ. އުމުރުން 28 އަހަރުގެ ޑިއޯގޯ ޖޮޓާ އަކީ ތިން ކުދީންގެ ބައްޕައެވެ.