
ލީމްގެ މޮޅު ކުޅުމާއެކު އެމްޕީއެލް ކަޓުވާލުމަށްފަހު ސްޓެލްކޯ ފައިނަލުން ޖާގަ ހޯދައިފި
# ވަން ގޭމް އިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރުއެމްޕީއެލް އާއި ސްޓެލްކޯ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ "އިންޓަ އޮފީސް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަން ސެމީފައިނަލް ދެވަނަ މެޗުގައި އެމްޕީއެލް އާއި ސްޓެލްކޯ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސްޓެލްކޯ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން ސްޓެލްކޯ ޖާގަ ހޯދީ ކުއާޓާ ފައިނަލްގެ ހަތަރުވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ސްޕޯޓްސް މިނިސްޓްރީ ބަލިކުރުމަށްފަހު އެވެ. އަދި އެމްޕީއެލް ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ޓްރާންސްޕޯޓް މިނިސްޓްރީ ބަލިކުރުމަށްފަހު އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަ ޕޮއިންޓްގެ ލީޑަކާއެކު 19-13 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޓެލްކޯ އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓުގައި އެމްޕީއެލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 11 ޕޮއިންޓްގެ ލީޑަކާއެކު 9-20 ގެ ނަތީޖާއަކުން ސެޓް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު މެޗުގެ ނަތީޖާ މެރުމަށްކުޅުނު ޝޫޓްއައުޓް ސެޓް ވާދަވެރި ކުޅުމަކަށްފަހު 6-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދެ ސެޓް އެއްސެޓުން މޮޅުވެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓެލްކޯގެ ފާތިމަތު ލީމް ބިންތު ޔާސިރު އެވެ.
23 ޖޫން 2025 އިން 3 ޖުލައި 2025 ގެ ނިޔަލަށް ، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު 12 ޓީމަކުން ބައިވެރިވެފައިވާއިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ވަނީ ލިބިފައެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ވަން ގޭމް ގުޅިގެން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް، ތުޅާދޫ ޔަންގް އީގަލް ކުލަބު އަދި ބޮޓެނިކަލް ގާޑަން ހިމެނޭއިރު، މުބާރާތުގެ ގޯލްޑް ސްޕޮންސަރއަކަށް ކޯޓަޔާޑް ގެސްޓްހައުސް އަދި ސިލްވާ ސްޕޮންސަރ އަކަށް އޮން ޕްލަސް ނެކްސޯރ ވަނީ ހަމަޖައްސާފައެވެ.
މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކަށް ރީލޯޑް ބައި ކެއަރޕްލަސް ހަމަޖައްސާފައިވާއިރު، ހައިޑްރޭޝަން ޕާޓްނަރަކީ ބޮން އަކުއާ މޯލްޑިވްސް އެވެ.
މީގެ އިތުރުން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ. އަދި ކްލީން ޕާޓްނަރއަކަށް ވެމްކޯ ހަމަޖައްސާފައިވާއިރު، އެންޓަރޓެއިންމަންޓް ޕާޓްނަރަކީ ކަންނެއީ ބާ އެވެ. އަދި ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި މޫކައި ހޮޓެލްސް އަދި ޑަޔާނާ ޓްރޭޑިންގ ހަމަޖައްސާފައިވާއިރު، ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީ އެވެ. އަދި އޮފިޝަލް ޑީޖޭ ޕާޓްނަރަކީ ޑީޖޭ މައުއްޓެ އެވެ.