
ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސިންގަޕޫރާއިއެކު ފަހުމުނާމާއެއް!
# ރާއްޖެ - ސިންގަޕޫރު-
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ސިންގަޕޫރު ކޯޕަރޭޝަން އެންޓަރޕްރައިޒް (އެސްސީއީ) އާއެކު ދިވެހިރާއްޖޭގެ ދައުލަތް ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އާއި އެސްސީއީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ޓޭ ލިއަން ޗިއުއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމް 2025 ގައެވެ. މި ރަސްމިއްޔާތުގައި ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމުނާމާގެ ދަށުން ދެޤައުމުގެ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ ހަރުދަނާ ބިންގަލެއް ޤާއިމުކުރެވި، ދެޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕާޓްނަރޝިޕްގެ މަޤްޞަދަކީ ސިންގަޕޫރުގެ ޕަބްލިކް ސެކްޓަރގެ ފުޅާ ޢިލްމާއި ނަމޫނާ އާދަތައް ބޭނުންކޮށްގެން ރާއްޖޭގައި މުހިންމު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދިނުމެވެ.
މި ފަހުމުނާމާގެ ދަށުން، ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ ހަރުދަނާ އޮނިގަނޑުތަކެއް ޤާއިމުކުރުން. މީގެ ތެރޭގައި މައިގަނޑު މަސައްކަތުގެ ފެންވަރު ދައްކުވައިދޭ މިންގަނޑުތަކާއި (ކޭޕީއައި) ޖަވާބުދާރީވުމުގެ ނިޒާމުތައް އެކުލަވާލުމުގެ އިތުރުން ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މާލީ ހިންގުމާއި، ހިންގުމުގެ ހަރުދަނާކަމާއި، ވިޔަފާރީގެ އެންމެ ރަނގަޅު އުސޫލުތައް ގެންގުޅުން ހަރުދަނާކުރުން ހިމެނެއެވެ.
މި ފަހުމުނާމާގެ ސަބަބުން ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

ސިންގަޕޫރަކީ ސަރަޙައްދީ ފެންވަރުގައި އީޖާދީ އަދި އުންމީދީ ދަންމަރެއް: ރައީސް

ސިންގަޕޫރުގެ އައި.ޓީ.އީ ހެޑްކުއާޓާޒްއާއި އައި.ޓީ.އީ ކޮލެޖް ސެންޓްރަލްއަށް ރައީސް މުއިއްޒު ޒިޔާރަތްކުރައްވައިފި

ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސިންގަޕޫރާއިއެކު ފަހުމުނާމާއެއް!




