logoEN
Sto top
ރާއްޖެއާއި ސިންގަޕޫރާއި ދެމެދު މުހިންމު ތިން އެއްބަސްވުމެއް!

ރާއްޖެއާއި ސިންގަޕޫރާއި ދެމެދު މުހިންމު ތިން އެއްބަސްވުމެއް!

އަހުމަދު ޝުރާއު

logo

6/30/2025, 1:30:25 PM

# ރާއްޖެ - ސިންގަޕޫރު

--

ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު، ތިން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި އެވެ.

Wamco

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ މިހާރު ރައީސް މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވި އެވެ.

މިގޮތުން ރާއްޖެ އާއި ސިންގަޕޫރާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ:

  • ޤާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ވެވޭ ފަހުމުނާމާ
  • ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދު ވެވޭ ފަހުމުނާމާ
  • މަތީ ތަޢުލީމާއި، ތަޢުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ވެވޭ ފަހުމުނާމާ

މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެދާއިރާތަކާއި ގުޅޭ ވުޒާރާތަކުގެ ވަޒީރުންނެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ކުރީން ރައީސް މުޢިއްޒުއާއި ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ހިޒް އެކްސަލަންސީ ލޯވްރެންސް ވޮންގްއާ ވަނީ ބައްދަލުކުރައްވާފައި އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒުއާއި ބޮޑުވަޒީރު ވޮންގް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މި ދަނޑިވަޅަކީ، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމުގެ ރަންޔޫބީލް އަހަރުކަން ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް، މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރުތައް ހޯދައި، އިޤްތިޞާދު ސިންދަފާތުކުރުމާ ގުޅޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުއާއި ބޮޑުވަޒީރު ވޮންގް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެ، އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވުނަކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް ދެބޭފުޅުންގެ މަޝްވަރާތަކުގައި އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން، ތަޢުލީމާއި، އިންސާނީ ވަސީލަތް ކުރިއެރުވުމާއި، އާބަން ޕްލޭނިންގްގެ ދާއިރާއިން ފަންނީ ޢިލްމު ޙިއްޞާކުރުން ހިމެނޭހެން ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން ރާއްޖެއާއި ސިންގަޕޫރުން އެކިއެކި މަންސަތަކުގައި އިތުރަށް ގުޅުން ބަދަހިކޮށް، ވަކީން ޚާއްސަކޮށް މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރާ އަސަރުތަކުގައި، ދެޤައުމަށް އޮތް ގޮންޖެހުންތަކާއި މެދު ހަރުދަނާ ގޮތެއްގައި އަޑުއުފުލުމާމެދު، މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން، އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރީ 1975 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside