
--
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އެކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބާއްވައިފިއެވެ.

މި ޖަލްސާގައި އެމް.އޭ.ސީ.އެލްގެ ޗެއަރޕާސަން އައިޝާ ނޫރައިން ޖަނާޙް ވަނީ ބައިވެރިވަޑައިގެންފައެވެ. އަދި އެމް.އޭ.ސީ.އެލްގެ ބޯޑު މެމްބަރުންނާއި، ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން، އެކްސްކޯ މެމްބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާޙް ވިދާޅުވީ އެމް.އޭ.ސީ.އެލް އިން ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި އުންމީދަކީ އެމް.އޭ.ސީ.އެލްއަށް އިތުރު ކާމިޔާބީތައް ލިބިގެންދިއުން ކަމަށް ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ އެމް.އޭ.ސީ.އެލް އިން ފާއިތުވި އަހަރު ހޯދި ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ކުންފުނީގެ ބޯޑަށާއި މެނޭޖުމަންޓަށް ވަނީ އަރުވައިފައެވެ.
ސީ.އީ.އޯ ޝަރީފް އިތުރަށް ވިދާޅުވީ އެމް.އޭ.ސީ.އެލްގެ އަމާޒަކީ އާ ޓާމިނަލް އާއެކު ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުން ކަމަށެވެ. އެގޮތުން އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއް ކަމަށް ވިދާޅުވި އެވެ.
އެމް.އޭ.ސީއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާވަނި ލިބިފައެވެ. މިދިޔަ އަހަރު ރިކަރަންޓު ޚަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހަރަދުވި ނަމަވެސް، ސާފު ފައިދާގެ ގޮތުގައި މި ކުންފުންޏަށް ވަނީ 1.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލައި އިރު 32.2 ޕަސެންޓުގެ ކުރިއެރުމެކެވެ.މިއީ ކުންފުނީގެ ތާރީހުގައިވެސް މިވަރުގެ ބޮޑު ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އެމް.އޭ.ސީ.އެލްއިން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދާ މަސައްކަތަކަކީ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ. އެމް.އޭ.ސީ.އެލްގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވިގެންދާއިރު، އެތަނު ޚިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމް.އޭ.ސީ.އެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއްވަނީ ޤާއިމްކުރެވިފައެވެ. އެމް.އޭ.ސީ.އެލްއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ފަސިންޖަރުންނާއި އެއާލައިންތަކާއި ސްޓޭކްހޯލްޑަރުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.