
އިތުރު އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކޮށް ސެޓިފައި ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭނަން - ޝަރީފް
# އެމްއޭސީއެލް--
މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސްގެ އަހަރީ އާންމު ޖަލްސާ ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބާއްވައިފިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަމުން މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ ޗެއާމަން އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ އެމްނެޓްސް އަކީ މުޅި ގައުމަށް އެއާ ޓްރެފިކްގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އެއާ ޓްރެފިކްގެ ހިދުމަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަކީ އެ ކުންފުނީގެ އަމާޒު ކަމަށްވެސް ވިދާޅުވިއެވެ.
އެމްނެޓްސްގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ޗެއާމަން ޝަރީފު އިތުރަށް ވިދާޅުވީ އަމާޒަކީ މުސްތަގުބަލުގައި އެމްނެޓްސްއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ފައިދާވާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެކަމަށްޓަކައި އެ ކުންފުނީގެ މައި ހިއްސާދާރުގެ ހައިސިއްޔަތުން، އެމްއޭސީއެލްގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޗެއާމަން ޝަރީފު ވިދާޅުވީ ކޮންމެ ކުންފުންޏަކަށްވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓެކްނިކަލް މީހުން މަދުވުން ކަމަށެވެ. އެކަން ހައްލުކުރުމަށް އެއާ ޓްރެފިކް ކޮންޓްރޯލާސް ތަމްރީނުކޮށް، ސެޓިފައި ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެއާ ޓްރެފިކްގެ ހިދުމަތަކީ ވަރަށް ކްރިޓިކަލް މަސައްކަތެއްކަން ފާހަގަކުރައްވައި ޗެއާމަން ޝަރީފު ވަނީ އެމްނެޓްސްގެ ހުރިހާ މުވައްޒަފުންނަކީ ޕްރޮފެޝަނަލް، އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ މުހިންމުކަން އަމިއްލައަށް ދަނެގެން، އެއްވެސް ކަހަލަ ހުއްޓުމެއް އަދި ބުރޫއެރުމެއް ނެތި ފަރުވާތެރި ކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވުމަށް އެދިވަޑައިގެންފަ އެވެ.
އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން އެމްނެޓްސް އުފެއްދީ 25 ސެޕްޓެމްބަރު 2023ގައެވެ. އޭގެ ކުރިން ރާއްޖޭގެ ވައިގެ ސަރަހައްދު މެނޭޖްކުރަމުން ގެންދިޔައީ އެމްއޭސީއެލްގެ އެއާ ޓްރެފިކް މެނޭޖުމަންޓް ޑިޕާޓްމަންޓުގެ ދަށުންނެވެ.
އެމްނެޓްސް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ޗިކާގޯ ކޮންވެންޝަންގައިވާ ގޮތަށް ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ހަރުދަނާ ކުރުމެވެ.