
-
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް ރ. އަތޮޅުގައި ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން، "ޒޯން 2" ގައި ހިމެނޭ ރ. އަތޮޅަށް މި ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މުހިންމު މަޝްރޫޢެކެވެ.
މި ޚިދުމަތް ފެށުމުގެ ގޮތުން، ރ. އަތޮޅުގެ ރައްޔިތުންނަށް އާރް.ޓީ.އެލްގެ ދަތުރުތަކަށް އަހުލުވެރިވުމުގެ ފުރުސަތު ދިނުމަށް ޓަކައި، 2025 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 02 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.
މި އަހުލުވެރި ކުރުމުގެ ދަތުރުތަކަށް ފަހު، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 03 ވަނަ ދުވަހުން ފެށިގެން، އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެންނެވެ. ފަސޭހަކަމާއިއެކު ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ކަސްޓަމަރުންނަށް އާރް.ޓީ.އެލްގެ ވެބްސައިޓާއި، މޯބައިލް އެޕް މެދުވެރިކޮށް، ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މި މަޝްރޫޢުގެ ދަށުން، ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި، ނ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ރ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 10 އަތޮޅެއްގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ދެވެންފަށާނެ އެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢެކެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ. މި މަޝްރޫޢުއަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، 6 ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމާއި، އިގްތިސާދީ އަދި އިޖުތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމެވެ. މި ޚިދުމަތް ފުޅާވުމަކީ ރާއްޖޭގެ އަތޮޅުތަކުގެ ގުޅިފައިވާ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
ގުޅުންހުރި

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ބ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފަށައިފި

ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ޚިދުމަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަށައިފި

ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި
