
ބައެއް ވިޔަފާރިތަކުން އަންނަ މަހުން ފެށިގެން ސާވިސްޗާޖާއި މުސާރަ ޑޮލަރުން ދިނުން ހުއްޓާލާތީ ގާސިމްގެ ނުރުހުން!
# ގާސިމް އިބްރާހިމް--
ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާއި އެކު އޭގެ ނޭދެވޭ އަސަރު ކުރާކަމަށްބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، އަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމާއި ގުޅިގެން ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ނުރުހުން ފާޅުކުރައްވައިފި އެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިފައިވީނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫން ކަމަށެވެ.
އެގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ކަމަށާއި ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުންކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެހެންކަމުގައިވާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ.
ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުޞަތު އެބައޮތް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެހެން ކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ޤާނޫނުގައި ވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް ދެކޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
" އަޅުގަނޑަކީވެސް އެތަށް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާމީހަކީމެވެ. އަޅުގަނޑުމެންނަށް ވެސް މި ދަތިއެބައޮތެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމުގައިވެފައި، ޤާނޫނުންވެސް އެ ލުއި ރިސޯޓުތަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހިރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީއެވެ. " ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ބައެއް އެހެން ކުންފުނިތަކުން މިހާލަތާއި ގުޅިގެން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މުވައްޒިފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ. އަދި ފައިސާގެ ޖިންސުބަދަލުކޮށް އެހެންފައިސާ އަކުން ދެވޭނީ އެ މުވައްޒަފުމީހާ އެކަމަށް އިއްތިރާޟް އެއް ނެތް ކަމުގައިވާނަމަކަމަށްވެސް ގާސިމް ފާހަގަކުރެއްވި އެވެ.
ގުޅުންހުރި

ބައެއް ވިޔަފާރިތަކުން އަންނަ މަހުން ފެށިގެން ސާވިސްޗާޖާއި މުސާރަ ޑޮލަރުން ދިނުން ހުއްޓާލާތީ ގާސިމްގެ ނުރުހުން!

ގާސިމްގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ މާމިގިލީ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

އަބްދުއްރަހީމް އަށް މާމިގިލިން ރަތްދޫލައިގެ މަރުހަބާ އެއް!
