
--
އިސްރާއީލުން އިރާނަށް ދިން ވަރުގަދަ ހަމަލާ، ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަދި ސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ނުރައްކާވާ ފަދަ އަމަލުތަކެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ނުތަނަވަސްކަން އިތުރަށް ގޯސްވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައި އެވެ.
އިސްރާއީލުން އިރާނަށް ހަމަލާތަކެއް ދިނީ ރޭ އިރާނު ގަޑިން ފަތިހު 03:00 ހާއިރު އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ވައިގެ ސިފައިން އިރާނުގެ ވައިގެ ސަރަހައްދަށް ޖެޓުތަކުގައި ވަދެ ހަމަލާތައް ދީފައިވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށާއި އާންމުންނަށް އަމާޒުކޮށެވެ. އެގޮތުން އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ދެފަހަރެއްގެ މަތީން ހަމަލާދީފައިވާއިރު އިރާނުގެ ވެރިރަށް ތެހެރާނަށްވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި އެވެ.
މި ހަމަލާއާއި ގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން ބުނީ މި ހަމަލާދިނީ އީރާނަކީ "އިޒްރޭލާއި ދުނިޔެއަށް ނުރައްކަލެއް" ކަމަށްވާތީ ކަމަށެވެ. އަދިހަމަލާ ދިނީ އިޒްރޭލުގެ ޖެޓްތަކުން ކަމަށާއި އަސްކަރީ އެކި ތަންތަނަށް ދިން ހަމަލާތަކުގެ ތެރޭގައި، އީރާނުން އެ ގައުމުގެ އެހެން ސަރަހައްދެއްގައި ހިންގާ ނިއުކްލިއާ ޕްރޮގްރާމަކާ ގުޅޭ ތަންތަން ވެސް ހިމެނޭ ކަމަށެވެ.
މި ހަމަލާއާއި ގުޅިގެން އިރާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް 100 އަށްވުރެ ގިނަ ޑްރޯން ހަމަލާ ފޮނުވާލާފައި އެވެ. މި ޑްރޯންތައް އިސްރާއީލާއި ދިމާލަށް ދަތުރުކުރަމުންދަނީ ތިން ރޫޓަކުން ކަމަށް ބައެއް ރިޕޯޓުތައް ދަނީ ބުނަމުންނެވެ. އެގޮތުން ސީރިއާ މަގުން ބައެއް ޑްރޯންތައް އިސްރާއީލަށް ދަތުރުކުރަމުންދާއިރު ސައުދީ އާްއި ޖޯޑަންގެ ވައިގެ ސަރަހައްދުގެ ތެރެއިންވެސް ބައެއް ޑްރޯންތައް ދަތުރުކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.