
އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓޭ މަންޒަރު ފެންނަ އިތުރު ވީޑިއޯއެއް: ވެއްޓުނީ ފުރިތާ މިނިޓެއްވެސް ނުވަނީސް!
# އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން--
މިއަދު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާ ބޯޓު ވެއްޓޭ އިތުރު ވީޑިއޯއިން އާންމުވެއްޖެ އެވެ.

މިރޭ އާންމުވެފައިވަނީ އެއާޕޯޓުގެ ސީސީޓީވީ ފުޓޭޖެއްގެ މަންޒަރެވެ. އެގޮތުން ވީޑިއޯއިން ފެންނަ ގޮތުގައި މަތިންދާބޯޓު ރަންވޭއިން ފުރިތާ މިނިޓެއްވެސް ނުވަނީސް އެއާޕޯޓާއި މާދުރު ނޫން ހިސާބަކަށް ވެއްޓޭ މަންޒަރު ފެނެއެވެ.
އޭވިއޭޝަން ތަޖުރިބާކާރުން ބުނާގޮތުގައި ވީޑިއޯއިން ފެންނަ ގޮތުން ނަމަ ބޯޓު ވެއްޓުނީ ފުރައިގެން 600 ފޫޓަށްވެސް މަތި ނުކުރެވެނީހެވެ.
ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގައި އިންޑިއާގެ 169 ފަސިންޖަރުންނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ 53 މީހަކާއި ކެނެޑާގެ މީހަކާއި ޕޯޗުގަލްގެ ހަތް ފަސިންޖަރުން ތިބި ކަމަށް އެއާއިންޑިއާއިން މިހާރު ވަނީ އިއުލާނުކޮށްފައި އެވެ.
އިންޑިއާގެ ހަބަރުތައް އެންމެ ތާޒާކަންމަތީ ގެނެސްދޭ އޭޝިއަން ނިއުސް އިންޓަނޭޝަނަލް، އޭއެންއައި އިން ރިޕޯޓުކުރާގޮތުގައި އެއާ އިންޑިއާގެ މަތިންދާބޯޓެއް މިއަދު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެވެ. ވެއްޓުނު އޭއައި 171 އަކީ އަހްމަދުއާބާދު އެއާޕޯޓުން ފުރައިގެން ލަންޑަނުގެ ގެޓްވިކަށް ދިޔުމަށް ދަތުރުފެށި ފްލައިޓެއް ކަމަށްވެސް އޭއެންއައި އިން ބުނެއެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުނީ 2 ޕައިލެޓުންނާއި 10 ކެބިން ކްރޫން ހިމެނޭ މި ބޯޓު ވެއްޓުނު އިރު ޖުމުލަ 242 މީހުން ތިބިކަމަށެވެ. އަދި މި މަތިންދާބޯޓުގެ ކޮމާންޑް ކުރަމުން ދިޔައީ ކެޕްޓަން ސުމިތު ސަބަރްވާލް އާއި ފަސްޓް އޮފިސަރު ކްލައިވް ކުންޑާރު ކަމަށްވެސް ވަނީ ބުނެފައި އެވެ.
ވެއްޓުނު ބޯޓަކީ ބޮއިންގ ގެ 787 ޑްރީމްލައިނާއެކެވެ.
އިންޑިއާގެ ބައެއް ރިޕޯޓުތައް ބުނާގޮތުގައި ބޯޓު ވެއްޓުނު ހާދިސާގައި ބޯޓުގައި ތިބި މީހުން ސަލާމަތްވުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް މިހާތަނަށް އެކަކު ސަލާމާތްވެފައިވާކަން އަހްމަދުއާބާދުގެ ފުލުހުން ވަނީ ދާދި ދެންމެއަކު ކަށަވަރުކޮށްދީފައި އެވެ.
އަދި މި ބޯޓު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓު ކައިރީގައި ހުރި އިމާރާތްތަކެއްގެ މައްޗަށް ކަމުން މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

އެއާއިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގު ރަސްމީކޮށް ފަށައިފި

އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: ބޯޓުގައި އިންނެވި ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު މަރުވިކަން ކަށަވަރުވެއްޖެ

އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ހިތާމަފާޅުކުރައްވައިފި
