
އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: މިހާތަނަށް 100 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފި
# އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުންއިނގިރޭސިވިލާތަށް ދިޔުމަށް ދަތުރުފެށިތާ އިރުކޮޅެއްގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ސަރަހައްދުން މިހާތަނަށް ގިނަ ބަޔެއްގެ ހަށިތައް ހޮސްޕިޓަލުތަކަށް ގެންގޮސްފި އެވެ.

މި ހާދިސާއާއި ގުޅިގެން އަހްމަދްއާބާދުގެ ފުލުހުންނާއި ހަވާލާދީ އިނގިރޭސިވިލާތުގެ ސްކައިނިއުސްއިން ރިޕޯޓުކުރާ ގޮތުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ އަހްމަދުއާބާދުގެ ހޮސްޕިޓަލަކަށް ގެންގޮސްފައި އެވެ.
އަދި ޒަހަމްވި އެތައް ބަޔަކަށްވެސް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުންނާއި ހަވާލާދީ އެނޫހުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގައި އިންޑިއާގެ 169 ފަސިންޖަރުންނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ 53 މީހަކާއި ކެނެޑާގެ މީހަކާއި ޕޯޗުގަލްގެ ހަތް ފަސިންޖަރުން ތިބި ކަމަށް އެއާއިންޑިއާއިން މިހާރު ވަނީ އިއުލާނުކޮށްފައި އެވެ.
އިންޑިއާގެ ހަބަރުތައް އެންމެ ތާޒާކަންމަތީ ގެނެސްދޭ އޭޝިއަން ނިއުސް އިންޓަނޭޝަނަލް، އޭއެންއައި އިން ރިޕޯޓުކުރާގޮތުގައި އެއާ އިންޑިއާގެ މަތިންދާބޯޓެއް މިއަދު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެވެ. ވެއްޓުނު އޭއައި 171 އަކީ އަހްމަދުއާބާދު އެއާޕޯޓުން ފުރައިގެން ލަންޑަނުގެ ގެޓްވިކަށް ދިޔުމަށް ދަތުރުފެށި ފްލައިޓެއް ކަމަށްވެސް އޭއެންއައި އިން ބުނެއެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުނީ 2 ޕައިލެޓުންނާއި 10 ކެބިން ކްރޫން ހިމެނޭ މި ބޯޓު ވެއްޓުނު އިރު ޖުމުލަ 242 މީހުން ތިބިކަމަށެވެ. އަދި މި މަތިންދާބޯޓުގެ ކޮމާންޑް ކުރަމުން ދިޔައީ ކެޕްޓަން ސުމިތު ސަބަރްވާލް އާއި ފަސްޓް އޮފިސަރު ކްލައިވް ކުންޑާރު ކަމަށްވެސް ވަނީ ބުނެފައި އެވެ.
ވެއްޓުނު ބޯޓަކީ ބޮއިންގ ގެ 787 ޑްރީމްލައިނާއެއް ކަމަށް އެއާއިންޑިއާއިން ވަނީ ދާދި ދެންމެ އަކު ކަށަވަރުކޮށްދީފައި އެވެ.
އިންޑިއާގެ ބައެއް ރިޕޯޓުތައް ބުނާގޮތުގައި ބޯޓު ވެއްޓުނު ހާދިސާގައި ޕަސެންޖަރުންތައް ސަލާމަތްވުމުގެ ފުރުސަތު ކުޑައެވެ. އަދި މި ބޯޓު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓު ކައިރީގައި ހުރި އިމާރާތްތަކެއްގެ މައްޗަށެވެ. އެހެން ކަމުން މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

އެއާއިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގު ރަސްމީކޮށް ފަށައިފި

އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: ބޯޓުގައި އިންނެވި ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު މަރުވިކަން ކަށަވަރުވެއްޖެ

އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ހިތާމަފާޅުކުރައްވައިފި
