
ފަސޭހައިން ކާޑު ހަވާލުކުރެވޭ ގޮތަށް މެއިލިންގ އެޑްރެސް އަޕްޑޭޓްކުރުމަށް ބީއެމްއެލް އިން އެދިއްޖެ
# ބީއެމްއެލް--
މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންގެ ކާޑު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ސީދާ ކަސްޓަމަރުންގެ ގެއަށް ކާޑު ފޮނުވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެއިލިން އެޑްރެސް އަދާހަމަކުރުމަށް ބޭންކުން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓެރެޓެޖީ މުޙައްމަދު ސަޢީދު މިއަދު ވިދާޅުވީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކާޑު ހަވާލުކޮށްދިނުމަށް އެބޭންކުން ނުހަނު އިސްކަމެއްދޭ ކަމަށާއި ކާޑު ކަސްޓަމަރުންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ކަސްޓަމަރުން ބޭންކަށް ދީފައި އޮންނަ އެޑްރެހުގައި ދިރިއުޅެމުން ނުދާކަން. ނުވަތަ މެއިލިން އެޑްރެހުގެ ގޮތުގައި ދާއިމީ އެޑްރެސްވެސް ދީފައި އޮންނަކަން ކަމަށެވެ.
އެހެންކަމުން އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް އެޑްރެސް އަޕްޑޭޓް ކޮށްލުމަށް އިލްތިމާސްކުރާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކާޑު ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކާޑު ކަސްޓަމަރަށް ހަވާލުކުރުމާ ހަމައަށް، ކާޑު އެކްޓިވޭޓެއް ނުވާނެ ކަމަށާއި އަދި ކާޑުން އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށެވެ.
"ކާޑު އެކްޓިވޭޓް ކުރެވޭނީ ހަމައެކަނި އެ ކަސްޓަމަރަކަށް. ބޭންކުން ކަސްޓަމަރުންގެ ކާޑު އެކްޓިވޭޓް ނުކޮށްދޭނެ. ކަސްޓަމަރަށް ކާޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ވަގުތުން ކާޑު އެކްޓިވޭޓްކޮށްލެވޭނެ." ސައީދު ވިދާޅުވީއެވެ.
މާލޭ ސަރަހައްދުގައި މިބަދަލުގެނައި ނަމަވެސް އަތޮޅު ތެރޭގައި ކަސްޓަމަރުންނަށް ކާޑު ހަވާލުކުރަމުންދާނީ ބީއެމްއެލް މުވައްޒަފުންނެވެ.