.jpg&w=3840&q=75)
ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ފަރީދު އަދާކުރެއްވި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް - ރައީސް
# ރައީސް މުއިއްޒު-
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު މިއަދު ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިހް ފަރީދު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތާ ގިނަ އިރުތަކެއް ނުވަނީހެވެ. އެގޮތުން ޝައިހް ފަރީދު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުން އިމިގްރޭޝަން ކައުންޓަރުތަކާއި ދިމާލަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް ކުއްލި ގޮތަަކށް ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އަވަހާރަވީ ކަމަށް މައުލޫމާތު ލިބެއެވެ.
ޝައިހް ފަރީދު އަވަހާރަވުމާއި ގުޅިގެން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވި ޚަބަރު އަޑުއެހީ ފުންހިތާމައާއި އެކުކަމަށެވެ.
ރައީސް ވިދާޅުވީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމު ވެރިޔާ މަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދަކީ، ޚުލްޤު ހެޔޮ، އަޅުވެރިއެއް ކަމަށާއި ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.
ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިހުސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ސަވާބު، އެންމެ ހެޔޮ ގޮތުގައި ދެއްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލަހައްޓަވައި، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ރައީސް ވަނީ ދުއާ ދަންނަވައިފައެވެ.
ޝެއިހް ފަރީދު ފާހަގަކުރެވެނީ ރާއްޖޭގައި އެންމެ ގިނަ ބަޔެއްގައި މަގްބޫލުކަން ހޯދި ޝޭހެއްގެ ގޮތުގައި އެވެ. އެގޮތުން ޝެއިހް ފަރީދު ވަނީ ސިޔާސީ ދާއިރާގައިވެސް މީގެ ކުރީން ވަރަށް އިސްކޮށް ހަރަކާތްތެރިވެފައި އެވެ.