
-
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވަގުތީ ގޮތުން ބަންދުކުރި ށ ފުނަދޫ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި އެވެ.

އެ އެއާޕޯޓު ހިންގާ ރީޖަނަލަށް އެއާޕޯޓްސްއިން ބުނީ އެއާޕޯޓުގެ ފަޔާ ޓްރަކަކަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށާފައިވާ ކަމަށެވެ.
ފުނަދޫ އެއާޕޯޓަށް މިވަގުތު ޝެޑިއުލް ދަތުރުތައް ކުރާ މޯލްޑިވިއަންއިން މިއަދު ނެރުނު އިއުލާނެއްގައ ވަނީ އެ އެއާޕޯޓްގެ އޮޕަރޭޝަންސްތައް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅޚިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ދަތުރުތަކަށް ބުރީ އެރި މީހުންނަށް ގޮތްތަކެއް ހަމަޖައްސައި ދޭން މަސައްކަތް ކުރަމުން ދާ ކަމަށާއި އަދި މިކަމާ ގުޅިގެން މައާފަށް އެދޭ ކަމަށް ވެސް ގައުމީ އެއާލައިންއިން ވަނީ ބުނެފައި އެވެ.
ނަމަވެސް އެއާޕޯޓު އާންމު ހާލަތަށް ގެނެސް އޮޕަރޭޝަންތައް ފެށިކަން ރީޖަނަލް އެއާޕޯޓްސްއިން ހާމަކުރިތާ ގަޑިއިރެއްވާން ކައިރިވެފައިވާއިރުވެސް މޯލްޑިވިއަންގެ ދަތުރުތައް އެއާޕޯޓަށް އަލުން ފަށަން ނިންމާފައިވާކަން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ އޭވިއޭޝަން ގާނޫނު ބުނާގޮތުން ނަމަ ފްލައިޓެއް އެއާޕޯޓަކަށް ޖައްސާ ވަގުތު އާއި ފުރާވަގުތުގައި އެއާޕޯޓުގެ ފަޔާ ޓްރަކްތައް ތައްޔާރީ ހާލަތުގައި ތިބުން މަޖުބޫރެވެ.