
--
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފާހަގަކުރުމަށް މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލާފައެވެ.

މިއަދު އެވުޒާރާއިން ކުރި އިއުލާނެއްގައި ވާ ގޮތުން އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް -/30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ލޯގޯ ފަރުމާކުރުމަށްފަހު 2025 ޖޫން 15ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ހުށައެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައި އެވެ.
އެންމެ މޮޅު ލޯގޯއެއް ކަނޑައަޅާނީ އެކަމަށް ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުންކަމަށާއި، ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މުހިންމު ކަންކަމުގެ ތެރޭގައި ދިވެހި ދައުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒުކޮށްދިނުން ހިމެނޭ ކަން ބަހާއި ބެހޭ ވުޒާރާގެ އިއުލާނުގައި ބުނެފައި ވެއެވެ.
"މިނިވަން 60" ލޯގޯއަކީ މިނިވަންކަމުގެ 60 އަހަރުގެ ޝިޢާރުގެ ގޮތުގައި ބޭނުންކުރެވޭނެ ލޯގޯއެކެވެ. މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މި އަހަރު ފާހަގަކުރެވޭ ހުރިހައި ހަރަކާތްތަކެއްގައި މި ލޯގޯ ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބަހާއި ބެހޭ ވުޒާރާއިން ވަނީ ވީހާވެސް ގިނަ ފަރާތްތަކަކުން މި މުބާރާތުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރޫޙު އަންގައިދޭ ފަދަ ޚާއްޞަ ލޯގޯތަކެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރެވޭކަމަށް ބުނެފައި އެވެ.
ގުޅުންހުރި

"މިނިވަން 60" ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ޚަރަދުކޮށްފައި ވާނީ ޖުމްލަ 4.1 މިލިއަން ރުފިޔާ - ހީނާ

މިނިވަން ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ!

މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ: ފުޅަނދުބުރާއި ހެވިކަމުގެ ކުޅިވަރުތައްވެސް އޮންނާނެ!




