
ވާނުވާ ބަންދުގައި ތިބި 2 މީހަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލައިފި: އިތުރު 5 މީހެއްގެ ބަންދާއި މެދު މިއަދު ގޮތެއް ނިންމާނެ!
# ޕީޖީ އޮފީސް--
ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް، އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު، ލުއި ދިނުމުގެ މަސައްކަތް ޕީޖީ އޮފީހުން ފަށައި މިހާތަނަށް 2 މީހަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލައިފި އެވެ.

މިކަން ހާމަކުރައްވާ ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން މިގެންދަނީ، އެ މީހުން މޮނިޓަރ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިޢާޔަތްކޮށެވެ. އެސެސްމަންޓުތައް އެ އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަން ވަނީ ޕީޖީ އޮފީހުން ހާމަކޮށްފައި އެވެ.
އެގޮތުން އިއްޔެ، 28 މޭ 2025 ގެ ނިޔަލަށް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި 2 (ދޭއް) މީހެއްގެ ބަންދަށް، މޮނިޓަރިންގ ނިޒާމުގެ ތެރެއިން ލުއިދީފައިވާނެ ކަމަށާއި އަދި އިތުރު 5 (ފަހެއް) މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު، 29 މޭ 2025 ގައި ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއިދެވޭނީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަކަށް ހަމަޖެހިފައެއް ނުވާކަންވެސް ވަނީ ފާހަގަކޮށްފައި އެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކުރެވިފައިވާއިރު، މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
ބަޔާން ނިންމާލަމުން ޕީޖީ އޮފީހުން ބުނީ އެއޮފީހުގެ އަމާޒަކީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ޙައްލެއް ގެނައުން ކަމަށެވެ.
ގުޅުންހުރި

ވާނުވާ ބަންދުގައި ތިބި 9 މީހަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލައިިފި: ޝަރުތު ހަމަނުވާތީ 20 މީހަކަށް ފުރުސަތު ނުލިބުނު!

ވާނުވާ ބަންދުގައި ތިބި 2 މީހަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލައިފި
.jpg&w=3840&q=75)
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދެނީ
