logoEN
Sto top
ޓެކުހަށް މަކަރުހެދި ކުންފުނިތަކާއި ދެ ޑޮކްޓަރުންގެ މައްޗަށް ދައުވާ ކުރަން ކޯޓަށް: ޕީޖީން އެދެނީ އެންމެ ބޮޑު އަދަބު ދޭން!

ޓެކުހަށް މަކަރުހެދި ކުންފުނިތަކާއި ދެ ޑޮކްޓަރުންގެ މައްޗަށް ދައުވާ ކުރަން ކޯޓަށް: ޕީޖީން އެދެނީ އެންމެ ބޮޑު އަދަބު ދޭން!

އަހުމަދު ޝުރާއު

logo

1/21/2026, 8:03:20 AM

# ޕީޖީ އޮފީސް

-

ކޮވިޑް ޕީ.ސީ.އާރ ޚިދުމަތް ދިން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އެ ކުންފުނިތަކުގެ މަސްޢޫލުވެރިންގެ މައްޗަށް ޓެކުހަށް މަކަރުހެދިކަމުގެ ތުހުމަތުގައި ދަޢުވާކުރަން ކޯޓަށް ހުށަހަޅައިފި އެވެ.

Wamco

ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން އެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީ.ސީ.އާރ ޓެސްޓިންގގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C08162020) އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-0382/2010) އިން ޓެކުހަށް މަކަރު ހަދައިފައިވާކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހެޅީ އިއްޔެ އެވެ.

މި މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރުން ކަމަށްވާ ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފްއާއި، މ. ގައްދަޑުގެ، ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި، މި ދެމީހުންގެ މަޞްލަޙަތު އޮންނަ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ތަޙުޤީޤުކޮށް އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށްފަހު ތުހުމަތުކުރެވޭ ކުންފުނިތަކާއި މީހުންގެ މައްޗަށް ދަޢުވާތައް ކުރުމަށް 20 ޖަނަވަރީ 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެގޮތުން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދަޢުވާ އާއި ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން، ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އުފުލާފައިވާއިރު ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 2 ދަޢުވާއެވެ.

މީގެ އިތުރުން މި ކުންފުނިތަކުގެ މަސްއޫލުވެރިންގެ ތެރެއިން ދައުވާކުރަން ޕީޖީ ކޯޓަށް ހުށަހެޅީ ޑރ. ޢަލީ ޢަބްދުﷲ ލަޠީފް އާއި ޑރ. އިކްލީލް ޝަރީފްގެ އިތުރުން މި ދެކުންފުނީގެ ޓެކްސް ބަޔާންތައް ތައްޔާރުކުރި ކަމަށް މީރާއިން ބުނާ އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްގެ މައްޗަށެވެ. މިގޮތުން ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މައްޗަށް ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 3 ދަޢުވާ އުފުލާފައިވާއިރު ޑރ. އިކްލީލް ޝަރީފްއާއި، ޢަލީ ފަޔާޟްގެ މައްޗަށް ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ ކުށުގެ 5 ދަޢުވާ ވަނީ އުފުލާފައިއެވެ.

މި މައްސަލާގައި ދަޢުވާލިބޭ ކުންފުނިތަކުން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައިވާ ޢަދަދުތަކާއި، ކުންފުނިތަކުގެ އަސްލު ޢާމްދަނީއަށް ބަލައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހިސާބުކޮށްފައިވާ ޢަދަދުތަކަށް ބަލާއިރު، މި ދެ ކުންފުނިން -/20،200،401ރ (ވިހި މިލިއަން ދެ ލައްކަ ހަތަރު ސަތޭކަ އެއް ރުފިޔާ) ގެ ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވެއެވެ. މި މައްސަލާގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވާ ޙާލަތުގައި، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 93 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޓެކްސް ދެއްކުމުން އެއްކިބާވި ޢަދަދުގެ ދެ ގުނައަށްވާ -/40،400،802ރ (ސާޅީސް މިލިއަން ހަތަރު ލައްކަ އަށް ސަތޭކަ ދޭއް) ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދުމަށް ޕީޖީން ގަސްދުކުރާކަން ވަނީ ހާމަކޮށްފައެވެ.

މި މައްސަލާގައި ވަކިވަކި މީހުންގެ މައްޗަށް ދަޢުވާކޮށްފައިވާނީ ދަޢުވާލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދަޢުރަށް ބަލައެވެ. އެގޮތުން ޑރ. އިކްލީލް ޝަރީފަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެޖޯރިޓީ ޙިއްޞާދާރެވެ. އަދި ޑރ. ޢަލީ ޢަބްދުﷲ ލަޠީފްއަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ 50 އިންސައްތަ ޙިއްޞާ އޮންނަ، ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހެކެވެ. ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީވެސް ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މަޞްލަޙަތު އޮންނަ ކުންފުންޏެއްކަމާއި، ކޮވިޑް ދުވަސްވަރު މި ކުންފުނިތަކަށް ހިންގުމުގައި ޑރ. ޢަލީ ޢަބްދުﷲ ލަޠީފް އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތަޙުޤީޤަށް ހޯދިފައިވެއެވެ. އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްއަކީ މި ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތެވެ. ދަޢުވާލިބޭ ވަކިވަކި މީހުންގެ މައްޗަށް ކުށް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދެން ޕީޖީން ވަނީ ނިންމާފައި އެވެ.

ޕީޖީން ބުނީ މި ދަޢުވާތަކަކީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ކުންފުނިތަކުން ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މަޢުލޫމާތު ހިމަނައި އޮޅުވާލާފައިވާތީ ކޮށްފައިވާ ދަޢުވާތަކެއް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC