logoEN
Sto top
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދެނީ

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދެނީ

އަހުމަދު ޝުރާއު

logo

5/22/2025, 5:10:30 AM

# ޕީޖީ އޮފީސް

--

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދިނުމުގެ މަސައްކަތް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.

Wamco

އެގޮތުން ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން އިއްޔެއިން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ މީހުން މޮނިޓަރ ކުރެވޭނެ ގޮތަށް ޝަރުޠުތަކަކާއެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެއެވެ. މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓަރކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެއެވެ. މި އެސެސްމަންޓަކީ ޕީޖީ އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާނެ އެސެސްމަންޓެކެވެ.

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ އިސްވެ ދެންނެވުނު އެސެސްމަންޓް ޕީޖީ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް ޕީޖީ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެންނެވެ. އެގޮތުން ލުއި ދެވޭނީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 (ސަތޭކަ) ދުވަހަށް ކަނޑައަޅާ ޝަރުޠެއްގެ ގޮތުގައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް މުރާޖަޢާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރުން ކުރިއަށްގެންދެވޭނެއެވެ. އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕީޖީ އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު އިއްޔެއިން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެގޮތުން ބަންދަށް ލުއި ދިނުމަށް އެދި މި އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" އިން ހުށަހެޅިދާނެއެވެ. ނުވަތަ ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ހުށަހެޅުން ޕީޖީ އޮފީހަށް ހުށަހެޅިދާނެއެވެ. މިކަމަށް އެދޭ ފޯމު، މިހާރު ޕީޖީ އޮފީހުގެ ވެބްސައިޓާއި، ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުންވެސް މި ފޯމު ލިބުމުގެ އިންތިޒާމު ޕީޖީ އޮފީހުން ހަމަޖައްސާނެ ކަމަށްވެސް ވަނީ ބަޔާނުގައި ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside