
އިރުތިޝާމްގެ މަންދޫބު ކަމުގެ ފަތްކޮޅު އައިއެމްއޯގެ ސެކެޓްރީ ޖެނެރަލަށް އަރުވައްވައިފި
# ފޮރިން މިނިސްޓްރީ-
އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ސަފީރު އިރުތިޝާމް އާދަމް، އެކަމަނާގެ މަންދޫބުކަމުގެ ފަތްކޮޅު، އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ އެންޓޯނިއޯ ޑޮމިންގޭޒް ވެލާސްކޯއަށް މިއަދު އަރުއްވައިފިއެވެ.

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މައި އޮފީހުގައި މިއަދު އޮތް މި ރަސްމިއްޔާތުގައި ސަފީރު އިރުތިޝާމް އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ ފަރާތުން ތަހުނިޔާ ވިދާޅުވެ، އައި.އެމް.އޯ.އާ އެކު ގުޅުން ބަދަހިކުރުމަށާއި، އެ ޖަމްޢިއްޔާގެ މަސައްކަތްތަކުގައި ޙަރަކާތްތެރިކަމާއެކު ބައިވެރިވެ، މެރިޓައިމް ކަންކަމުގައި ޤައުމީ ޤާބިލުކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަދި ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ސަފީރުގެ މަޤާމަށް މަރުޙަބާ ވިދާޅުވެ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އެކި ދާއިރާތަކުން އައި.އެމް.އޯއިން ރާއްޖެއަށް އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.
1948 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހު އުފެދުނު އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަކީ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ އދ.ގެ ހާއްސަ އިދާރާއެކެވެ. އެ އިދާރާގެ މައި އަމާޒަކީ ޝިޕިން އިންޑަސްޓްރީއަށް އިންސާފުވެރި އަދި ހަރުދަނާ ރެގިއުލޭޓަރީ އޮނިގަނޑެއް ގާއިމުކުރުމެވެ.
މިހާރު އައިއެމްއޯގައި 174 މެމްބަރު ގައުމަކާއި 3 އެސޯސިއޭޓް މެމްބަރުން ތިއްބަވަ އެވެ. ރާއްޖެ އައިއެމްއޯގެ މެމްބަރަކަށް ވީ 1967 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުއެވެ.
ހައިކޮމިޝަނަރ އިރުތިޝާމް އަކީ ދިވެހިރާއްޖެ މެންބަރު ޤައުމަކަށް ވީފަހުން އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދެވަނަ ދާއިމީ މަންދޫބެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިރުތިޝާމް އާދަމްގެ އަރިހުގައި ޑެޕިއުޓީ ހައިކޮމިޝަނަރ މުޙައްމަދު އަޙްމަދާއި ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފްގެ އިތުރުން އިނގިރޭސިވިލާތާއި ނޮދަން އަޔަލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނުން ފަސްޓް ސެކްރެޓަރީ ސާރާ ޚާލިދު ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ބައިނަލަގްވާމީ މުޖުތަމައުއަށް ޚަލީލްގެ ޔަގީންކަން: ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ!

އިރުތިޝާމްގެ މަންދޫބު ކަމުގެ ފަތްކޮޅު އައިއެމްއޯގެ ސެކެޓްރީ ޖެނެރަލަށް އަރުވައްވައިފި

މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދޭނަން - ފޮރިން މިނިސްޓްރީ
