
--
ޖަޕާނު ސަރުކާރުން ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ސޮއިކުރެއްވި އިރު ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހަދިޔާ ކުރަން ނިންމާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ހަރުދަނާ ކުރުމަށް 400 މިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 2.8 މިލިއަން ޑޮލަރު) ގެ ދެ ހާބާ ކްރާފްޓް ޕެޓްރޯލް ވެސަލްއެވެ.
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ހަލީލް ވަނީ ވަނީ ޖަޕާނުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަދިޔާކުރަން ނިންމި ދެ އުޅަނދުގެ ސަބަބުން ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި މެރިޓައިމް ގާނޫނަށް އަމަލުކުރުމާއި ގޮނޑުދޮށުގެ މުޖުތަމައުތައް ހިމާޔަތް ކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނަކީ މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ޤައުމަކަށް ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ގުޅުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީއަށާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ޖަޕާނުން ޒަމާނުއްސުރެ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. ޖަޕާނުން ރާއްޖެއަށް ޑިފެންސް އެޓާޗީއެއް ހަމަޖެއްސުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ، ޑިފެންސް އެންޑް ސެކިއުރިޓީ އިނީޝިއޭޓިވްސްގައި އިތުރަށް ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި ޖަޕާން އެމްބަސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދޭނަން - ފޮރިން މިނިސްޓްރީ

ޖަޕާނު ސަރުކާރުން ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކޮށްފި

މިއަދުން ފެށިގެން ތައިލެންޑަށް އެތެރެވެވޭނީ ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކޮށްގެން!
