logoEN
Sto top
ބޫޓާން ކަޓުވާލުމަށްފަހު ދިވެހި ޒުވާން ޓީމު ސެމީފައިނަލުން ޖާގަ ހޯދައިފި

ބޫޓާން ކަޓުވާލުމަށްފަހު ދިވެހި ޒުވާން ޓީމު ސެމީފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

5/13/2025, 2:03:59 PM

# ދިވެހި ކުޅިވަރު # އެފްއޭއެމް

ރާއްޖެ އާއި ބޫޓާން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ސާފް ފޭސްބުކް ޕޭޖް

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ބޫޓާނާ ވާދަކުރި މެޗު 2-2 އިން އެެއްވަރުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ރާއްޖެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ދިވެހި ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ބޫޓާން ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 3-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

އިންޑިޔާގެ އަރުނާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބޫޓާން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ލަމް ޓެންޒިން އެވެ .

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބޫޓާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބޫޓާނުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މިހާފުގައި ރާއްޖެ ޓީމުގެ ކީޕަރު ޒަހުރާން ހަސަން ޒިޔާދު ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި ރާއްޖެ ޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އައިދު މުހައްމަދު ޖަވީޒު އެވެ.

މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން ތިންވަނަ މިނެޓުގައި ރާއްޖެ ޓީމު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ވެސް ހޯދާފައެވެ. މިލަނޑު ދިވެހި ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަޝްހަމް އިބްރާހިމް މުހައްމަދު އެވެ.

ނަމަވެސްް އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ބޫޓާންގެ ޗޮގްޔެލް ޝެރާބް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ދެ ޕޮއިންޓާއެކު ގުރޫޕްްގެ ދެވަނަ ޓީމުގެ ގޮތުގައި ދިވެހި ޓީމު ސެމީފައިނަލުން ޖާގަހޯދީއިރު، މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ބޫޓާނުން މުބާރާތް ނިންމާލި ގުރޫޕްގެ ފުލުގައި އޮވެއެވެ.

ސެމީ ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ ގުރޫޕް ބީގައި އިންޑިޔާއި ނޭޕާލް ވާދަކުރާ މެޗުގެ ނަތީޖާއަށް ފަހުއެވެ. އަދި މީގެ އިތުރުން މިއީ، 2019 ވަނަ އަހަރު، ސާފް 18 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު ފަހުން، ސާފްގެ އުމުރުފުރާ މުބާރާތެއްގެ ސެމީ ފައިނަލުން ރާއްޖެ ޖާގަހޯދި ފުރަތަމަ ފަހަރެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside