
-
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް އެމްޓީސީސީން ފެރީ ދަތުރުތައް ފަށައިފިއެވެ.

އެޗްޑީސީން ބުނީ ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެހުއްސުމަށް ގެނައި މި ބަދަލާއެކު، މިހާރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ބުކް ކުރެވޭނެ ކަމަށެވެ.
ލިންކު: https://stl.mtcc.mv/
މި ދަތުރުތައް ފަށާފައިވަނީ 140 މީހުންގެ ޖާގައިގެ ފެރީއަކާއެކުއެވެ. އަދި މި ހިދުމަތް ފެށިއިރު، މާލެއާއި ކުޑަގިރިއާ ދެމެދު ދުވާލަކު ހަ ދަތުރު ކުރާނެއެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. އޭގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސީދާ ހުޅުމާލެއިން ފެރީގައި ކުޑަގިރިއަށް ދެވޭގޮތަށް ހިދުމަތްތައް ފުޅާކުރުމަށްވެސް ވަނީ ނިންމާފައެވެ.
އެމްޓީސީސީ ފެރީ ޝެޑިއުލް
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރީގައި ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް މިހާރުވެސް ހުރި ނަމަވެސް، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެޗްޑީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރާތްކޮށްފައެވެ. އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމަރ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށެވެ.