
ހޮންކޮންގް މެޗަށް ދިވެހި ޓީމު ނުކުންނާނީ ކުއާޓާ ފައިނަލުން ފުރުސަތު ހޯދަން: މުޖޭ
# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސްހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ).. ފޮޓޯ: ގާފު ސްޕޯޓްސް
އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް 2025” ގެ ގުރޫޕް އޭގެ ފަހު މެޗުގައި މިރޭ ހޮންކޮންގް އާއި ދެކޮޅަށް ނުކުންނާނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް ކަމަށް ދިވެހި ޓީމުން ބުނެފިއެވެ.

މިރޭގެ މެޗާއި ބެހޭގޮތުން ގާފް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ފުރަތަމަ ދެމެޗުން ބަލިވި ނަމަވެސް ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި ކުޅުންތެރިންގެ މަސައްކަތާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ.
"ފުރަތަަމަ މެޗުގައި އަޅުގަނޑުމެން ކުޅުނީ އޮމާނާއި ދެކޮޅަށް، އެޓީމަކީ ބީޗް ހޭންޑްބޯޅަ ވޯލްޑް ރޭންކިންގައި ގަަދަ 10 ގައި ހިމެނޭ ޓީމެއް.. އަނެއްކޮޅުން އެމެޗަކީ ވާދަވެރި މެޗެއްގައި ދިވެހި ޓީމު ކުޅުނު ފުރަތަަމަ މެޗު.. ނަމަވެސް ޓީމުގެ ފަރާތުން ފެނިފެންދިޔައީ ވަރަށް އުންމީދީ ކުޅުމެއް.."
"ދެވަނަ މެޗުގައި ފުރަތަމަ މެޗާއި އަޅާބަލާއި ކުޅުންތެރިންގެ ކޮންފިޑެންސް މާބޮޑަވެސް ރަނގަޅުކޮށް ފެނުނީ.. އަދި ސައުދީ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ދިވެހި ޓީމުން ދެއްކި ކުޅުމަށް ބަލާއިރު، މެޗަކަށްފަހު މެޗެއްގައި ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭ.."
"މީގެ އިތުރުން މިހާރު ކޮންމެ ޓީމަކުން ވެސް ގުރޫޕް ސްޓޭޖުގައި ދެމެޗު ކުޅެފައިވާއިރު، މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ދިވެހި ޓީމަށް ވަރަށްބޮޑު، އަދި އުންމިދާކީ ހޮންކޮންގް މެޗުގައި ރަނގަޅު ނަތީޖާއަކާއެކު މުބާރާތުގެ ކުއާޓާފައިނަލުން ޖާގައެއް ހޯދުން..."
މުބާރާތުގައި ހޮންކޮންގް ކުޅުނު ފުރަތަމަ މެޗުގައި ސައުދީއަރަބިޔާ އާއި ވާދަކޮށް 20-14 އަދި 17-6 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އޮމާން އަތުން ހޮންކޮންގް ޓީމު ބަލިވީ 19-6 އަދި 20-10 ގެ ނަތީޖާއަކުންނެވެ. އަދި ދިވެހި ޓީމު ކުޅުނު ފުރަތަމަ މެޗުގައި އޮމާނާއި ވާދަކޮށް 8-22 އަދި 6-22 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ސައުދީއަރަބިޔާ އަތުން ދިވެހި ޓީމު ބަލިވީ 12-20 އަދި 8-20 ގެ ނަތީޖާއަކުންނެވެ.
މިނަތީޖާތަކާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ލަނޑުގެ ތަފާތުން ސައުދީއަރަބިޔާ އޮތްއިރު، ދެވަނައިގައި އޮތް އޮމާނަށް ވެސް ދެމެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އަދި ރާއްޖެ އާއި ހޮންކޮންގް ވެސް ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ބަލިވެފައިވާއިރު، ލަނޑުގެ ތަފާތުން ގުރޫޕްގެ ތިންވަނަ ލިބެނީ ހޮންކޮންގް އަށެވެ. އަދި ރާއްޖެ މިވަގުތު އޮތީ ގުރޫޕްގެ ހަތަރުވަނައިގައެވެ.
6 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް އޮމާންގެ މަސްކަޓްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ގައުމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި ނުވަ ގައުމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗުތަކަށްފަހު އެންމެ ނަތީޖާ ރަނގަޅު އަށް ޓީމަށް ކުއާޓާގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނެނީ އޮމާން، ސައުދީ އަރަބިޔާ އަދި ހޮންކޮންގް އާއެކު ގުރޫޕް އޭގައެވެ. ގުރޫޕް ބީގައި ހިމެނެނީ އީރާން، ފިލިޕިންސް، ޖޯޑަން، ޕާކިސްތާންގެ އިތުރުން އިންޑިޔާ އެވެ.
ގުޅުންހުރި

ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް ކުއާޓާ ފައިނަލުގެެ ޖާގައެއް ދިވެހި ޓީމުން ކަށަވަރުކޮށްފި

ހޮންކޮންގް މެޗަށް ދިވެހި ޓީމު ނުކުންނާނީ ކުއާޓާ ފައިނަލުން ފުރުސަތު ހޯދަން: މުޖޭ

މާސްޓަރ އެތްލެޓިކްސް ޗެންޕިއަންޝިޕްގެ ފިރިހެން އަދި އަންހެން ޗެންޕިއަންކަން އައިލެންޑް ރަނާސް ހޯދައިފި
