
މިންހެޔޮ ކެއުމުގެ އާދަތައް އާލާކުރުމަށް 'ހައްޓަށް' ގެ ނަމުގައި ޚާއްސަ ޓީވީ ޕްރޮގްރާމެއް ފަށަނީ
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ--
އިޖުތިމާޢީ އަދި ޢާއިލާ ތަރައްޤީއާ ބެހޭ ވުޒާރާއިން ޔޫއެންއެފްޕީއޭ، ޕީއެސްއެމް އަދި އެސްޓީއޯއާ ގުޅިގެން މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތްތަކާއި، ޞިއްޙަތާ ގުޅުންހުރި ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް 'ހައްޓަށް' ގެ ނަމުގައި ސިލްސިލާ ޓީވީ ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއީ ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިކުރުމަށާއި، ކޮންމެ އުމުރުފުރައެއްގެ މީހަކީވެސް ކެއިންބުއިމުގައި ދުޅަހެޔޮ އާދަތައް އަށަގެންފައިވާ މީހެއްގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ މަޢުލޫމާތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ފަރާތަކަށްވެސް ފަސޭހަކަމާއެކު ލިއްބައިދިނުމުގެ އަމާޒުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ފަހުމުނާމާގެ ދަށުން، މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތްތައް ކިޔައިދީ، އެ މަޢުލޫމާތުތައް ފޯރުކޮށްދޭނީ ޔޫއެންއެފްޕީއޭގެ ފަރާތުންނެވެ. އަދި މި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި، ރާއްޖެއިން ލިބެންހުންނަ ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހައިން ކާނާ ތައްޔާރުކުރާނެ ގޮތްތަކާއި، ކެއުމުގައި ހިމަނަންވީ މާއްދާތަކާއި، ކެއުމުގެ އާދަތައް ބައްޓަންކުރަންވީ ގޮތާއި، ދެމެހެއްޓެނިވި ގޮތެއްގައި މި އާދަތައް އަށަގެންނެވުމަށް ކުރެވިދާނެ މުހިންމު ކަންކަމާ ގުޅޭ މަޢުލޫމާތު ހިމެނިގެންދާނެއެވެ.
'ހައްޓަށް' ޕްރޮގްރާމުގެ ފުރަތަމަ ސިލްސިލާ ބެހިގެންވަނީ 13 ޕްރޮގްރާމުގެ މައްޗަށެވެ. ޕީއެސްއެމް މެދުވެރިކޮށް މި ޕްރޮގްރާމް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތައް އެސްޓީއޯގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ޔޫއެންއެފްޕީއޭ، ޕީއެސްއެމް، އަދި އެސްޓީއޯއާ ގުޅިގެން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މިންހެޔޮ ކާނާއާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްރަށްވެހިންގެ ނާދީގައި ޔޫއެންއެފްޕީއޭއާ ގުޅިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމުގެ ފީޑްބެކަށް ބަލައި، މިފަދަ ޕްރޮގްރާމުތަކުގެ ބޭނުންތެރިކަމާއި، މީގެތެރެއިން ލިބޭ މަޢުލޫމާތުގެ އަލީގައި އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން އެ ފަރާތްތަކުން ފާހަގަކުރުމާއެކު، މިފަދަ މަޢުލޫމާތުތަކަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިބި ކޮންމެ އުމުރުފުރައެއްގެ ބޭފުޅުންނަށްވެސް ބޭނުންތެރި މަޢުލޫމާތުތަކެއްކަމަށް ޤަބޫލުކުރެވޭތީއެވެ.
ގުޅިގެން މި މަސައްކަތްކުރުމަށް މިއަދު ފަހުމުނާމާގައި ސޮއިކޮށްފައިވާއިރު، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމްވަނީ، މިފަދަ މުހިންމު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގައި، ޔޫއެންއެފްޕީއޭ، ޕީއެސްއެމް އަދި އެސްޓީއޯއިން ޝައުޤުވެރިކަމާއެކު ބައިވެރިވެ، ގުޅިގެން މަސައްކަތްކުރުމަށް ނިންމެވީތީ، މި ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
މި ޕްރޮގްރާމު ޕީއެސްއެމް މެދުވެރިކޮށް ދުރަށް ދައްކަން ފެށުމުން، މީގެ ހެޔޮ އަސަރު މުޖުތަމަޢުން ފެންނަން ފަށާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށާއި، ނަތީޖާއެއްގެ ގޮތުން، ދިރިއުޅުމުގެ އާދަކާދައިގެ ތެރެއަށް މިންހެޔޮ ކާނާ ބޭނުންކުރުން ވަދެ، ޞިއްޙަތު ރަނގަޅު މުޖުތަމަޢެއް ބިނާވެގެންދިއުމަށް އޭގެ ސަބަބުން އެހީތެރިވެދޭނެކަން މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ޕްރޮގްރާމުތަކުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ކުދިކުދި ބަދަލުތަކާއެކު، މުޖުތަމަޢު ވެގެންދާނީ ގައިގައިން ނާރާ ބަލިތައް – ނުވަތަ ދާއިމީ ގިނަ ވައްތަރުތަކުގެ ބަލިތަކުން ރައްކާތެރިވެފައިވާ، ހަރަކާތްތެރި، އުފެއްދުންތެރި، އަދި ދުޅަހެޔޮ މުޖުތަމަޢަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުންހުރި

ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުމަށް ހުޅުވާލަނީ

"އުފާވެރި ރާސްތާ" ޕްރޮގްރާމް ކ ހުރާގައި!

މިދިޔަ މަހު ފިރިހެނުންނަށް އަނިޔާކުރުމުގެ 4 މައްސަލައެއް!
