
ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުމަށް ހުޅުވާލަނީ
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން މިމަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ބުނެފި އެވެ.

ފަށާ މަދަދު ލޯން ސްކީމަކީ، ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް އެސްޑީއެފްސީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ.
މި ލޯނު ސްކީމްގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ނެގޭނެއެވެ. މި ލޯން ސްކީމުގެ %25 ޚާއްޞަ ކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ބުނީ މި ސްކީމުގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން މިމަހުގެ 15 ވަނަ ދުވަހު ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
މި ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި 7 އަހަރު ދުވަހަށް ބަހާލައިގެން ލޯނު އަނބުރާ ދެއްކޭނެއެވެ.
މި ލޯނު އަމާޒު ކުރެވިފައިވަނީ އަލަށް ފަށާ ވިޔަފާރިތަކަށާއި، ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން އަހަރީ އާމްދަނީ 1 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ ވިޔަފާރިތަކަށެވެ.
ގުޅުންހުރި

ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުމަށް ހުޅުވާލަނީ

"އުފާވެރި ރާސްތާ" ޕްރޮގްރާމް ކ ހުރާގައި!

މިދިޔަ މަހު ފިރިހެނުންނަށް އަނިޔާކުރުމުގެ 4 މައްސަލައެއް!
