
--
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުން ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ އަޕްސްކްލިންގ ޕްރޮގްރާމުތަކުގެ ތެރެއިން، ވިލާ ކޮލެޖު މެދެވެރިކޮށް، ގެސްޓްހައުސް މެނޭޖްމަންޓް ދާއިރާއިން ސެޓްފިކެޓް 3 ގެ ކޯހަކަށް ހުޅުވާލައިފި އެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ މި ކޯހުގައި ބައިވެރިވަން ބޭނުންވާ ފަރާތްތަކުން، ނެޝަނަލް ކެރިއާސް ސަރވިސްގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ޕްރޮގްރާމްގައި ބައިވެރުމަށް މިހާރު ރަޖިސްޓަރީ ވެވޭނެ ކަމަށެވެ. ޖުމްލަ 60 ފުރަސަތާއި އެކު ހުޅުވާލެވިފައި މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ވ. ފުލިދޫ، އއ. ތޮއްޑޫ އަދި ބ. ދަރަވަންދޫގައެވެ. 3 ރަށެއްގައެވެ. މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ކޯސް ފީ ދައްކާ ދިނުމަށް ހަމަޖެހިފައިވަނީ މި ޕްރޮޖެކްޓުންނެވެ.
މީގެ އިތުރުން، މޭކަޕް އެންޑް ބިއުޓީ ކެއަރ ގެ ސެޓްފިކެޓް 3 ލެވެލްގެ ކޯހެއް، އެމް.އައި.ޓީ ގައި ގުޅިގެން ވަނީ މިހާރު ހުޅުވާލެވިފައެވެ. މި ކޯސް ކުރިއަށްދާނީ ޏ. ފުވައްމުލަކު އަދި އައްޑޫ ސިޓީގައެވެ. މި ކޯހަށް ޖުމްލަ 40 ފުރުސަތު ވަނީ ކަޑައަޅާފައެވެ.
ސެއިލްސް ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުޙިއްމު ހުނަރުތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުން ހިމެނެއެވެ.
ތަމްރީން ފުރުސަތްތަކުގެ އިތުރު މަޢުލޫމާތު، ނެޝަނަލް ކެރިއާސް ސަރވިސްގެ ޖޮބް ސެންޓަރ ޕޯޓަލް އިން ލިބިވަޑައިގަންނަވާނެއެވެ.
ގުޅުންހުރި

ސެއިލްސް ޕްރޮޖެކްޓުގެ އަޕްސްކިލިންގ ޕްރޮގްރާމްތަކަށް ހުޅުވާލައިފި

މަތީ ތަޢުލީމު ކުރިއެރުވުމަށް އައްޑޫ ސިޓީ ކައުންސިލާއިއެކު މަޝްވަރާކޮށްފި

މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮއްދިނުމަށް ހަޔާ އެޑިއުކޭޝަންގެ ޓީމެއް މެލޭޝިއާގައި!
