ޖޫނިއާ ފުޓްބޯޅަ އެކަޑަމީ ބަލިކޮށް މާޒިޔާ އެކަޑަމީ އިން 12 އަހަރުންދަށް މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް ކާމިޔާބުކޮށްފި
# ދިވެހި ކުޅިވަރުމާޒިޔާ އެކަޑަމީ އާއި ޖޫނިއާ ފުޓްބޯޅަ އެކަޑަމީ ވާދަކުރި މެޗުގެ ތެރެއިން... ގާފު ސްޕޯޓްސް
ސޮކާ ވެޓަރަންސްގެ ފަރާތުން އިންތިޒާމުކޮށްގެން މާލޭގައި ކުރިއަށް ގެންދިޔަ "12 އަހަރުންދަށް މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް 2025" ގެ ފައިނަލުގައި 5-2 ގެ ނަތީޖާއަކުން ޖޫނިއާ ފުޓްބޯޅަ އެކަޑަމީ ބަލިކޮށް މާޒިޔާ އެކަޑަމީ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ޖޫނިއާ ފުޓްބޯޅަ އެކަޑަމީ ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ޚައިރު ސްޕޯޓްސް އެކަޑަމީ ބަލިކުރުމަށްފަހު އެވެ. އަދި މާޒިޔާ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި އެޑްވެންޗަރ ފުޓްބޯޅަ އެކަޑަމީ އާއި ވާދަކޮށް ޕެނަލްޓީގައި 10-11 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ހަތަރު ލަނޑުގެ ލީޑެއް ހޯދި ނަމަވެސް ޖޫނިއާ ފުޓްބޯޅަ އެކަޑަމީ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެލަނޑު ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އަދި ދެވަނަ ހާފުގައި މާޒިޔާ އިން އިތުރު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ 5-2 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެއެވެ.
މީގެ އިތުރުން މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ޖޫނިއާ ފުޓްބޯޅަ އެކަޑަމީ އާއި ޚައިރު ސްޕޯޓްސް އެކަޑަމީ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތިންވަނަ ހޯދީ ޖޫނިއާ ފުޓްބޯޅަ އެކަޑަމީ އެވެ.
މިމުބާރާތަކީ ރާއްޖެގައި ހިންގާ ފުޓްބޯޅަ އެކަޑަމީ ތަކުގައި ތަމްރީނުވާ ކުޅުންތެރިން ވާދަވެރި މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2022 ވަނަ އަހަރު ސޮކާ ވެޓަރަންސް އިން ބާއްވަން ފެށި މުބާރާތެއްކެވެ.
އެގޮތުން މިއަހަރުގެ މުބާރާތުގައި 26 އެކަޑަމީއަކު ޖުމްލަ 44 ޓީމު ވަނީ ވާދަކޮށްފައެވެ. އަދި 1 މެއި 2025 އިން 3 މެއި 2025 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި 44 ޓީމު 10 ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމުގެ އިތުރުން 10 ގުރޫޕުން ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ހަ ޓީމަށް މުބާރާތުގެ ދެވަނަ ބުރުން ވަނީ ފުރުސަތު ލިބިފައެވެ.