
ބައޯމެޓްރިކްސް އަދާހަމަނުކުރާ ފަރާތްތައް އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމުން ބްލޮކްކުރާނެ!
# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރުފޮޓޯ: މިހާރު
ބަޔޯމެޓްރިކް ޑާޓާ އަދާހަމަކޮށްފައިނުވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީންގެ ހާލަތު ނުވަތަ ވަރކް ޕަރމިޓް ސްޓޭޓަސް މިދިޔަ މަހުގެ 30ވަނަ ދުވަހުގެ ކުރިން ހިއްސާކުރުމަށް މިނިސްޓްރީން ވަނީ މީގެ ކުރިން އެދިފައެވެ.
އަދި މި މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ވަޒީފާ ދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބިދޭސީންނާ ގުޅޭ ޤާނޫނުތައް ހުރީ އެތައް އަހަރެއްވީ އިރުވެސް ތަންފީޒު ނުވެ ކަމަށާއި އެހެންނަމަވެސް ޤާނޫނުތައް ތަންފީޒް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ޤާނޫނުތައް ތަންފީޒް ކުރަމުންދާ ވަރަކަށް ބިދޭސީންގެ ހައްޤުތައް ކަށަވަރުވެ ރާއްޖޭގައި އޮތް އިޖުތިމާއީ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށާއި އަދި 3 ވަނަ ފިޔަވަހީގައި މަޢުލޫމާތުތައް ހޯދާފައިވާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފަސޭހަކަމާއެކީ ގެނެވޭނެ މަގުތައް ފަހިކޮށްދެެއްވާނެ ކަމަށެވެ.
އެގޮތުން މަސައްކަތްތެރިންނަށް ވޯކް ޕާމިޓް ހޯދުމަށާއި ސައިޓް ރަޖިސްޓްރީ ކުރުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ވަރަށް ބޮޑަށް ފަސޭހަ ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ މަސައްކަތް ފަށްޓަވާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިހާތަނަށް ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖެގައި އުޅެމުންދިޔަ 6700އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ގުޅުންހުރި

ބައޯމެޓްރިކްސް އަދާހަމަނުކުރާ ފަރާތްތައް އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމުން ބްލޮކްކުރާނެ!

އިތުރު 4 ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިމަހު ފަށަނީ

ރައީސްގެ އިރުޝާދަކީ ކޮރަޕްޝަން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހުން - އިހްސާން
