އަމާޒަކީ ތަހުގީގު "ފިސާރަ އަވަހަށް" ނިންމާލުން ، ކޮމިޝަނަށް ނުފޫޒުފޯރުވާނަމަ އިސްތިއުފާ ދޭނަން - މުނައްވަރު
# ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރާ ކޮމިޝަން--
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އެއްވެސް ފަރާތަކުން ނުފޫޒުފޯރުވައި މިނިވަން ތަހުގީގަކަށް ހުރަސް އަޅާނަމަ ކޮމިޝަނުން އިސްތިއުފާ ދެއްވާނެ ކަމަށް ކޮމިޝަންގެ ރައީސް ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން "2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" އުފެއްދެވީ އާދީއްތަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އެވެ.
ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ މުނައްވަރު ވަނީ ކޮމިޝަންގެ މަސައްކަތް ފެށިކަން އިއުލާނުކުރައްވާފައި އެވެ. އަދި ކޮމިޝަނުން މިއަދު ފުލުހުންނާއި ބައްދަލުކުރައްވާނެ ކަންވެސް ހާހަމަކުރައްވާފައި އެވެ. ކޮމިޝަންގެ މަސައްކަތް ކުރިއަށްދާނެ ގޮތާ ބެހޭ ގޮތުން މުނައްވަރު ވިދާޅުވީ، އެ ކޮމިޝަނުން ފުލުހުންގެ ތަހުގީގު ފުރިހަމަކުރުމަށް އެހީތެރިވާނެ ކަމަށާއި މި މައްސަލައިގައި އިންސާފު ލިބޭނެކަން ޔަގީންކުރުމަކީ ކޮމިޝަންގެ މަގްސަދު ކަމަށެވެ.
މިނިވަންކަމާ އެކު ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވަމުން މުނައްވަރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި އުފެއްދި މިފަދަ ކޮމިޝަންތަކުގެ މަސައްކަތާ ގުޅިގެން ވެސް ރައްޔިތުން ބަލައިގަތީ އެކި ގޮތަށް ކަމަށާއި އެހެންކަމުން މިހާރު އުފައްދާފައިވާ ކޮމިޝަނަށް އޮތް އިތުބާރާ މެދު ދައްކާ ވާހަކައާ މެދު ހައިރާން ނުވާ ކަމަށެވެ.
މުނައްވަރު އިތުރަަށް ވިދާޅުވީ އޭނާއަށް ނުފޫޒު ފޯރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި މިނިވަންކަމާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށް ފެނިއްޖެ ނަމަ ކޮމިޝަނުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"މިނިވަންކޮށް މިކަން ނުގެންދެވޭ ކަމަށްވަންޏާ، އެއްވެސް ފަރާތެއްގެ ނުފޫޒަށް، އަޅުގަނޑުމެންނަށް ފެންނަ ގޮތަށް ނޫން ގޮތަށް ނުފޫޒަށް ކަމެއް ނިންމަން ޖެހޭ ގޮތަށް ޕްރެޝަރެއް އަތުވެއްޖެއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން ވަގުތުން،" މުނައްވަރު ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމާލެވޭނެ ސީދާ ތާރީހެއް ހާމަނުކުރި ނަމަވެސް މުނައްވަރު ވިދާޅުވީ އެކޮމިޝަންގެ އަމާޒަކީ " ފިސާރި އަވަހަށް " މައްސަލަ ނިންމާލުން ކަމަށާއި ނަތީޖާ ނެރެން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮމިޝަނުން ކުރާނެ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ރައީސް ކޮމިޝަނެއް އުފައްދަވަން ނިންމެވީ މި މައްސަލައިގެ ތަހުގީގާއި މެދު ނުރުހުން ފާޅުކޮށް މާލޭގައި ބޮޑެތި މުޒާހަރާތަކެއް ފެށުމާއި ގުޅިގެންނެވެ. މައްސަލައިގައި ފުލުހުންގެ އިހުމާލުތަކެއް އޮތުމާއި އެކު އޭރުގެ ސީޕީ އަލީ ސުޖާއުގެ އިސްތިއުފާއަށް ގޮވާލަމުން ދަނިކޮށް ޝުޖާއު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.