
އަންހެންވެރީންގެ ސައްލާގެ ނަމުގައި ޚާއްސަ މަސައްކަތު ބައްދަލުވުމެއް ފަށައިފި
# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ--
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން "އަންހެންވެރީންގެ ސައްލާ"ގެ ނަމުގައި މަސައްކަތުގެ ބައްދަލުވުމެއް ފަށައިފި އެވެ.

އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށް މާލޭގައި ފެށި މި ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، މުލަކަތޮޅުގެ އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރަ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން 59 މެންބަރުން ބައިވެރިވެއެވެ.
މިއަދު މި މަސައްކަތު ބައްދަލުވުން ފެށުމަށް އޮތް ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާެގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ،
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކަންކަން ބެލެހެއްޓެވުމާ ޙަވާލުވެހުންނެވި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ފާޠިމަތު ސުދުފާ ހާމަކުރެއްވި ގޮތުގައި މި ސައްލާ ބޭއްވުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ޤާނޫނުގެ ދަށުން ސިޓީތަކާއި، ރަށްރަށުގައި އުފެދިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޓީތައް ބާރުވެރި ކުރުވުމެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ކޮމިޓީތަކުން އަންހެނުންގެ ތަރައްޤީއަށް ހިންގިދާނެ ޙަރަކާތްތަކާއި، މާލީ ގޮތުން ކޮމިޓީތައް ބާރުވެރިވުމަށް ކުރެވިދާނެ ކަންކަމާ ބެހޭ މަޢުލޫމާތު ދިނުމަށް ވެސް ރޭވިފައި ވެއެވެ. އަދި ހަމަ އެހެންމެ މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުވުމާއި، އަމިއްލަ ނަފުސުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާއި، މުޖުތަމަޢުގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެފައި ވެއެވެ.
މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ބާއްވާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ. ސުދުފާ ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ ކަމާ ގުޅުންހުރި ދާއިރާތަކުގެ ފަންނީ ބޭފުޅުންނެވެ.