
މިމަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު 21 އަހަރުގެ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ޚާއްސަ ބާރުތަކެއް ދެއްވައި އުފެއްދެވި ރިޔާސީ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައިފި އެވެ.

ރައީސް އޮފީހުން ބުނީ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، 27 އެޕްރިލް 2025 ގައި އުފެއްދެވި ކޮމިޝަނަށް، ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވާފައިވާ ކަމަށެވެ.
ގެނައި ބަދަލުތަކާއި އެކު މިހާރު އެ ކޮމިޝަންގެ މެންބަރުންނަކީ:
- ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- އަލްފާޟިލާ ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އަލްފާޟިލާ އާމިނަތު އީނާސް، ހ. ހަބަރުގެ
ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.
މި ބަދަލު އިޢުލާންކުރައްވައި ނެރުއްވާފައިވާ ޤަރާރު، މިހާރު ވަނީ ގެޒެޓްކުރައްވައި ޢާންމުކުރައްވާފައެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރުމަށް ރައީސް މުއިއްޒު އުފެއްދެވި މި ކޮމިޝަންގައި ފުރަތަމަ ތިއްބެވީ ތިން މެމްބަރުންނެވެ. އެއީ ޑރ މުނައްވަރު އާއި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދުގެ އިތުރުން ޑރ ހަބީބް އެވެ. ނަމަވެސް ޑރ ހަބީބް ވަނީ މިއަދު އެކޮމިޝަނުން އިސްތިއުފާ ދެއްވާފައި އެވެ.
މިއަދު ކޮމިޝަނަށް އައްޔަނުކުރެވުނު ތިން ބޭފުޅުންގެ ތެރެއިން ޑރ ހަބީބްގެ ބަދަލުގައި އައްޔަނުކުރެވުނު ޑރ މޫސާ މުރާދު އަކީ އައިޖީއެމްއެޗުގެ ސީނިއާ ފިޒީޝަނެކެވެ. އަދި ޖަބީން އަކީ ހުޅުމާލެ ހޮސްޕިޓަލުގެ ނަރުހުންގެ އިސްވެރިޔާއެވެ. އަދި އީނާސް އަކީ އެޗްއާރްސީއެމްެގެ ކުރީގެ ރައީސާއެވެ.
ގުޅުންހުރި

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް މިރޭ ފުރުސަތު ހުޅުވާލަނީ

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރާ ކޮމިޝަނަށް ބަދަލުތަކެއް!

ދާވޫދު ރައީސް އޮފީހުން ސަސްޕެންޑުކޮށް އިޒްދިޔާން މަގާމުން ވަކިކޮށްފި
