
ގަލޮޅު ސިޓީ ޕާރކުގެ ފޭސް 2 ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ހުޅުވައިލައިފި
# މާލެ ސިޓީ ކައުންސިލް--
ގަލޮޅު ސިޓީ ޕާރކު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފޭސް 2 ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވައިލައިފިއެވެ.

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ބީލަމަށް ހުޅުވާލީ 26 އެޕްރިލް 2025 ވީ ހޮނިހިރު ދުވަހުއެވެ.
މި ބީލަމަށް ހުޅުވާލުމަށް ކައުންސިލުން ކޮށްފައިވާ އިޢުލާންގައި ބުނެފައި ވަނީ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުން 4 މެއި 2025 ވަނަ ދުވަހުގެ، 9:00 ގައި ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ، ސިޓީ ކައުންސިލްގެ އިދާރާގައި އޮންނާނެކަމަށެވެ.
މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ، 8 މެއި 2025 ވަނަ ދުވަހުގެ 9:00 ގައި ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ގަލޮޅު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާޔާއެކުއެވެ. އަދި މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ދުވާ ޓްރެކަކާއި ބެޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަ ކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އައުޓްޑޯ ޖިމެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ގިނަ އަހަރު ތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކުގައި، އިވެންޓްތައް ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދަކާއި ޢުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށްވަނީ ހަމަޖެހިފައެވެ.
ގަލޮޅު ސިޓީ ފާރކް ތަރައްޤީ ކުރުމުގެ މަސައްކަތަކީ، މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދުމަށް ކުރައްވަމުންގެންދާ ގިނަ ގުނަ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރައްވާ މަސައްކަތެކެވެ.
ގުޅުންހުރި

މައްޗަންގޯޅި ސަހަރާގައި ކުރަންޖެހޭ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވައިލައިފި

ގަލޮޅު ސިޓީ ޕާރކުގެ ފޭސް 2 ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ހުޅުވައިލައިފި

އަލަށް އިމާރާތްކުރާ ސިނަމާލެ ފްލެޓްތަކުގެ ޑިޒައިން ކޮންސެޕްޓް ފާސްކޮށްފި
