logoEN
Sto top
ދިވެހި އައި.ޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ތިބެގެން ހޯދޭނެ އިންތިޒާމު ހަމަޖައްސަނީ

ދިވެހި އައި.ޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ތިބެގެން ހޯދޭނެ އިންތިޒާމު ހަމަޖައްސަނީ

އަހުމަދު ޝުރާއު

logo

4/27/2025, 9:23:35 AM

# ރާއްޖެ - މެލޭޝިއާ

-

ދިވެހި އައި.ޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ތިބެގެން ހޯދޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރީން ދެއްވި ބަސްދީގަތުމެއްގައެވެ.

މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރީން ރައީސް ވިދާޅުވީ މި ވަގުތު ޤައުމުން ބޭރުގައި އެންމެ ގިނަ ޢަދަދަކަށް ދިވެހިން ވަޒަންވެރިވެ، ދިރިއުޅެމުން ގެންދާ މެލޭޝިއާއަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ސަބަބުން، އެ ޤައުމުގައި ދިރިއުޅުއްވާ ދިވެހި އާބާދީއަށް އަދަށްވުރެ ލުއިފަސޭހަ ގޮތަކަށް ކަންކަން ފަހިވެގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

މެލޭޝިއާއާއި ދިވެހިރާއްޖެއަކީ މިހާރުވެސް ގާތް ގުޅުމެއް އޮތް ދެ ޤައުމު ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން، މާތް ﷲ ގެ އިރާދަފުޅާއެކު އެ ގުޅުމަށް އިތުރު ބަދަހިކަމެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައި ރައީސް ވިދާޅުވިއެވެ. މެލޭޝިއާއަކީ މިވަގުތު އެންމެ ގިނަ ޢަދަދެއްގެ ދިވެހިން، ޤައުމުން ބޭރުގައި ވަޒަންވެރިވެފައިވާ ޤައުމުކަމުގައި ވުމީ، މި ދަތުރުފުޅުގައި، ދިވެހި ސަރުކާރުގެ ފަރާތުން، އިތުރު ކަންތައްތަކެއް ފަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ އެއްސަބަބު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ދަތުރުފުޅުގެ ތެރެއިން އެކަންކަމަށް މަސައްކަތްޕުޅުތަކެއް ކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ވުނޭރުގެ ރޮނގުން ތަނަވަސް މަގުތަކެއް ހުޅުވިގެންދާނެ ކަމަށް އިޝާރާތްކުރައްވާފައެވެ.

މީގެއިތުރުން މިދަތުރުފުޅުގައި ދެޤައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައި ވާ ކަމަށާ، އަދި މުހިންމު ކަންތައްތަކެއް މި ދަތުރުފުޅުގައި ކުރިއަށްދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުން ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، މާތް ﷲ ގެ އިރާދަފުޅާއެކު، މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ، އެފަރާތްތަކަށް ދިމާވާ މައްސަލަތަކާ ގޮންޖެހުންތައް އޮޅުންފިލުއްވައި، މެލޭޝިއާގެ ސަރުކާރުގެ ފަރާތުން އެ ރައްޔިތުންނަށް ބޭނުންވާ ކަންކަމާބެހޭ ގޮތުން ވާހަކަދެކެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދިވެހި އައި.ޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ތިބެގެން ހޯދޭނެ އިންތިޒާމުވެސް މި ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމާއި، ދަރިވަރުންނަށް ބޭނުންވާ ޚިދުމަތްތައް ރަނގަޅުކޮށްދެއްވުމުގެ މަސައްކަތްޕުޅުތައް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު އޮޅުންފިލުއްވައި، އެމީހުންގެ މަސްލަޙަތުތައް ދެނެގަތުމަކީ ރައީސުލްޖުމްހޫރިއްތާ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެކެވެ.

މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކުރައްވާފައެވެ. މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside