logoEN
Sto top
ފަތުރުވެރިންނަށް އަމާޒުކޮށް ކަޝްމީރުގައި ނިރުބަވެރި ހަމަލާއެއް ދީފި: މަރުވި މީހުންގެ އަދަދު 20 އަށް!

ފަތުރުވެރިންނަށް އަމާޒުކޮށް ކަޝްމީރުގައި ނިރުބަވެރި ހަމަލާއެއް ދީފި: މަރުވި މީހުންގެ އަދަދު 20 އަށް!

އަހުމަދު ޝުރާއު

logo

4/22/2025, 4:28:54 PM

# އިންޑިއާ

--

އިންޑިއާ އިން ވެރިކަން ކުރާ ކަޝްމީރުގައި ހަތިޔާރު އެޅި ބަޔަކު ޓޫރިސްޓުންގެ ގްރޫޕަކަށް ބަޑީގެ ހަމަލާތަކެއް ދީ، 20 މީހުން މަރާލާފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.

Wamco

ފުލުހުން ބުނީ އަންގާރަ ދުވަހު ދިން "ޓެރަރިސްޓް ހަމަލާގައި" ގިނަ ޓޫރިސްޓުންނަށް ބަޑީގެ ޒަހަމްތަކެއް ލިބިފައިވަނީ އެ ސަރަހައްދުގެ ރިސޯޓް ޓައުނެއް ކަމަށްވާ ޕަހަލްގަމްއާ ގާތްގަނޑަކަށް 5 ކިލޯމީޓަރު (3 މޭލު) ދުރުގައި އޮންނަ ބައިސަރަން މެޑޯއަށް ޒިޔާރަތް ކުރަމުން ދަނިކޮށް ކަމަށެވެ.

"މި ހަމަލާއަކީ ފާއިތުވި އަހަރުތަކުގައި އާންމުންނަށް އަމާޒުކޮށްގެން އެންމެ ބޮޑު އެއް ހަމަލާ،" އެ ސަރަހައްދުގެ އެންމެ އިސް އިންތިހާބީ އޮފިޝަލް، ޗީފް މިނިސްޓަރު އުމަރު އަބްދުالله ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާއިރު، އެ ހަމަލާގެ ތުހުމަތު ފުލުހުން ކުރަނީ އިންޑިއާގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރާ ހަތިޔާރު އެޅި ޖަމާއަތްތަކަށެވެ. ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ފަށާފައިވާއިރު ޒަހަމްވި މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ސައުދީ އަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޕަހަލްގަމްގައި ހިންގި "ނުބައި އަމަލު" ކުށްވެރިކުރައްވައި، ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

މި ހަމަލާއާއި ގުޅިގެން އިންޑިއާގެ ދާޚިލީ ވަޒީރު އަމިތު ޝާހު އިންޑިއާގެ ކޮންޓްރޯލް އޮންނަ ކަޝްމީރުގެ މައި ސިޓީ ކަމަށްވާ ސްރީނަގަރަށް ދަތުރުކުރައްވަމުން ގެންދަވާއިރު، އެންމެ ފަހުގެ ހާލަތު އޭނާ ބައްލަވާނެ އެވެ.

މި ހަމަލާ ދީފައި މިވަނީ މި މަހުގެ ކުރީކޮޅު ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރިންކަމަށް ޝައްކުކުރެވޭ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ހަތަރު އޮފިސަރުންނާއެކު ހަ މީހަކު މަރުވެފައިވާ ދަނޑިވަޅެއްގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside