logoEN
Sto top
މޫދު ވިނަ އާލާކުރުމުގެ މަޝްރޫއު ރާއްޖޭގައި ފަށައިފި

މޫދު ވިނަ އާލާކުރުމުގެ މަޝްރޫއު ރާއްޖޭގައި ފަށައިފި

އަހުމަދު ޝުރާއު

logo

4/20/2025, 3:34:19 PM

# ފިޝަރީޒް މިނިސްޓްރީ

--

ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢު ބ. ފެހެންދޫގައި އިފްތިތާހް ކޮށްފި އެވެ.

Wamco

މިއަދު އެރަށުގައި އޮތް ޚާއްސަ ހަރަކާތެއްގައި މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ސަރުކާރުން ބުނީ މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެތެރެއިން ފެށުނު މަޝްރޫއެއް ކަމަށެވެ.

އެގޮތުން ފްލޯޓިންގ އޭކާސްއިން މޫދުވިނަ އާލާކުރުމާ ގުޅޭގޮތުން ދިރާސާކުރުމަށްފަހު ކުރި މަސައްކަތުން ހުއްދަ ލިބޭގޮތް ނުވެ އޮއްވާ، މި ސަރުކާރުން ކަނޑައަޅާފައިވާ މެރިކަލްޗަރ ފަހި ސިޔާސަތުގެ ދަށުން ވަނީ ފްލޯޓިންގ އޭކާސްއަށް 1 އަހަރު ދުވަހުގެ މުއްދަތަށް މަޝްރޫޢު ކުރިޔަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ. މި ހުއްދަ ދިނުމުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމުގެ ސިޔާސަތުގެ ތެރެއިން، މިމަސައްކަތް ދިރާސާކޮށް، ފުލް ސްކޭލް ޕާރމިޓެއް ދިނުމުގެ ކުރިން ހުރެދާނެ ކަންކަން ދެނެގަތުމެވެ.

މީގެ ކުރިން އެފް.އޭ.އޯ އިން ވަނީ މި ބާވަތުގެ މޫދުވިނަ ރާއްޖޭގައި އާލާކުރެވިދާނެތޯ ބެލުމަށް އަޖުމަ ބެލުމުގެ މަޝްރޫޢެއް ހިންގާފައެވެ. އެ މަޝްރޫޢު ނިމުމުން ޝާއިޢުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މޫދުވިނަ އާލާކުރުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގައި ކުރެވިދާނެ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ނިމިދިޔަ އެއްވެސް ސަރުކާރަކުން މޫދުވިނަ އާލާކުރުމުގެ މަސައްކަތަކަށް ހުއްދަ ދީފައެއް ނުވެއެވެ.

އޭޝިއާގެ ޤައުމުތަކުގައި މޫދުވިނަ މީގެ 50 އަހަރު ކުރިން ފަށައި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ އިންޑަސްޓްރީއެއްގެ ގޮތުގައި އަންނަނީ ކުރިއަރަމުންމެވެ. މިވަގުތުވެސް ދުނިޔޭގައި ކަލްޗަރކުރާ މޫދުވިނައިގެ 98 އިންސައްތަ ކަލްޗަރކުރަނީ މައިގަނޑުގޮތެއްގައި އޭޝިއާގެ ޤައުމުތައް ކަމުގައިވާ ޗައިނާ، އިންޑޮނޭޝިއާ، ސައުތު ކޮރެއާ އަދި ފިލިޕީންސްގައެވެ.

އެގޮތުން 2023 ވަނަ އަހަރު ދުނިޔޭގެ މޫދުވިނައިގެ މާރކެޓް ވެލިއު 17.14 ބިލިއަން ޑޮލަރުގައި ހުރިއިރު. 2032 ވަނަ އަހަރަށް އަންނައިރު މި އަދަދު 2 ގުނަ ވާނެކަމަށް މާހިރުން ވިދާޅުވެއެވެ.

ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު ހިއްސާކުރާ ޤައުމަކަށްވީ ހިނދު މެރިކަލްޗަރ އާއި ގުޅުންހުރި މިފަދަ މަސްރޫއުތަކުން ރަށުގައި ތިބެގެން ދިވެހި ޒުވާނުންނާއި ކަނބަލުންނަށް އައު ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޤައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވުމާއިއެކު ދިވެހިންނަށް އައު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި މިއީ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމިނިސްޓްރީން ސިފަކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside