
--
ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 6 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފިއެވެ.

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި މި ކޯސް ފަށާފައިވަނީ މި އެޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.
މި ކޯހުގައި، ފިޒިކަލް ޓްރެއިނިންގ، ޑްރިލް، ބާރުގެ ބޭނުންކުރުމާއި ދިފާއީ އުކުޅުތައް ދަސްކޮށްދޭނެއެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ އިތުރުން މުއާމަލާތުކުރުމުގެ ހުނަރުތަކާއި ފުލުހުންގެ ސަލާމަތީ ހުނަރުތައް ވެސް މި ކޯހުގެ ތެރެއިން ދަސްކޮށްދޭނެއެވެ.
ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ސްޕެޝަލް ކޮންސްޓަބުލަރީ 27 ފުލުހުން ބައިވެރިވެއެވެ.