
--
އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ށ އަތޮޅުގައި ރަސްމީކޮށް ފަށައިފި އެވެ.

މިއަދު ށ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ށ އަތޮޅު ކައުންސިލާއި ޑިޕާޓްމެންޓު އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި ދެމެދު ވަނީ މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި އެވެ. އަދި އައިޑީ ކާޑު ޕްރިންޓު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ އެކަމަށް ބޭނުންވާ މުވައްޒަފުންވެސް ވަނީ ޑީއެންއާރްއިން ތަމްރީންކޮށްދީފައި އެވެ.
ށ އަތޮޅު ކައުންސިލުން ބުނީ މި ހިދުމަތް އެކުައުންސިލްގެ ފަރާތުން ދޭން ފެށުމާއި އެކު އަތޮޅުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި އަވަސް ހިދުމަތެއް އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
މިއަދު ހިދުމަތް ފެށުނު ފުނަދޫއާއި އެކު މިހާރު ޖުމުލަ 16 ރަށެއްގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް މިހާރުވެސް ދަނީ ދެމުންނެވެ. އަދި ދާދި އަވަހަށް ށ މިލަންދޫގައިވެސް އައިޑީ ކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.
ރައްޔިތުންނާ ގާތުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިހާރުވަނީ ޤާއިމުކޮށްފައެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.
މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ޑީއެންއާރުން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.