
އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފި
# ރައީސް މުއިއްޒު# އައިޑީ ކާޑު# ޑީއެންއާރްފޮޓޯ: ޑީއެންއާރް
ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފިއެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އައި.ޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާއި ގުޅިގެން އެގައުމުގައި ދިރި އުޅުއްވާ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވެގެންދާނެ ކަމަށެވެ.
ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ އިރު މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑުގެ ޚިދުމަތް ލިބޭ ދެވަނަ ގައުމެވެ.
ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިމިފައިވާއިރު، މި އަމާޒު ހާސިލުކުރައްވާފައި ވަނީ، ކަނޑައެޅުއްވި މުއްދަތަށްވުރެ 3 މަސްދުވަސް ކުރިންނެވެ.
ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ، މުހިންމު ސިޔާސަތެކެވެ. ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނަސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ގުޅުންހުރި

ރައީސް، މާދަމާ ރޭ ބައްދަލުކުރައްވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފި

ރައްޔިތުން އެދެނީ ރައްކާތެރިކަން ކަށަވަރުވާން، އެކަން ކުރާނީ ދިވެހި ފުލުހުން: އިހްސާން





