
ވީއައިއޭގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއް!
# އެމްއޭސީއެލް--
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި އެންމެ ފުރަތަމަ ބާއްވާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮތް މި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ޝަރީފް ވަނީ އެއަރޕޯޓުގެ ތަރައްޤީއަށްޓަކައި ސަރުކާރުން، ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އެއަރޕޯޓުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިއްމު ބޮޑެތި މަޝްރޫޢުތައް ހިނގަމުންދާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީސް ކަމަށާއި އެތަންތަން އޮޕަރޭޝަނަލައިޒްކޮށް، ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން ކަމަށެވެ. އެގޮތުން އެއަރޕޯޓުގެ މުވައްޒަފުންނަކީ އަބަދުވެސް ޤައުމަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
އެއަރޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއްކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ސްޓޭކްހޯލްޑަރުންނާއި، ފަސިންޖަރުން އުފާވާ ފަދަ ޚިދުމަތްތަކެއް އެއަރޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ވަނީ ފަޅާފައެވެ. އަދި އެކުވެރިކަމުގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.
އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިޔަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް ޚާއްސަ ގާލާ ނައިޓަކާއި، ވަން-ޑޭ ހޭންޑްބޯލް މުބާރާތެއްވެސް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

އެމްއޭސީއެލްގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ސިލްސިލާ އެވެއަރނަސް ޕްރޮގްރާމެއް ފަށައިފި

ވީއައިއޭގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއް!

ވީއައިއޭގެ ޓެކްސީވޭ ޗާރލީ އަލުން ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
