logoEN
Sto top
ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުންގެ އިލްތިމާސް!

ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުންގެ އިލްތިމާސް!

އަހުމަދު ޝުރާއު

logo

4/11/2025, 12:54:36 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށް އެއިދާރާއިން މިއަދު ބުނެފި އެވެ.

Wamco

ފުލުހުން ބުނީ މި ސްކޭމްތަކުގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި، އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަމެވެ.

އެގޮތުން ފާހަގަކުރެވިފައިވާ މައިގަނޑު ސްކޭމްތަކުގެ ތެރޭގައި ހިމެނެނީ:
  • ފިޝިންގ މެސެޖްތަކާއި އީމެއިލްތައް: މިއީ ޓެމޫ ނުވަތަ ކޫރިއަރ ސަރވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެވެ. މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރގައި މައްސަލައެއް ހުރިކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތަކެވެ.
  • ކްރެޑިޓް ކާޑު ސްކޭމްތައް: މިފަދަ ސްކޭމްތަކުގައި، ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިންގ އީމެއިލްތަކާއި އިޝްތިހާރުތަކުގައި ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައި، ކްރެޑިޓް ކާޑު މައުލޫމާތު ހޯދައެވެ.
  • 2-ޑީ ކާޑު ސްކޭމްތައް: 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް މި ކާޑުތައް ފަސޭހައިން އަމާޒުކުރެވެއެވެ. ބޭނުންކުރާ ފަރާތްތަކުން ނޭނގި ފިޝިންގ ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، މަކަރުވެރިންނަށް މި މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވެއެވެ.
މި ސްކޭމްތަކުން ރައްކާތެރިވުމަށް، އަންނަނިވި ކަންކަމަށް ސަމާލުވުން މުހިންމު
  1. ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުން.
  2. ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާ ޚިލާފު ޑޮމެއިންތަކަށް) ސަމާލުވުން.
  3. "ޕާރސަލް ލިބިފައި ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަންޖެހޭ" ފަދަ ބަސްތަކަށް ސަމާލުވުން.
  4. ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުން.
  5. ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން (2FA) ބޭނުންކުރުން.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
  1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.
  2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.
  3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.
  4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.
  5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.
އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމަށް ތިރީގައިވާ ފިޔަވަޅުތައް އެޅިދާނެ
  1. އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުން.
  2. ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން.
  3. އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުން.
  4. އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުން.

އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށް ފުލުހުން ބުނެއެވެ. އެފޮތުން އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެއް ކަމަށާއި އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފައިއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside