
--
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި މިހާރު ބޭނުންކުރަމުންދާ ޓެކްސީވޭ-ޗަރލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްއޭސީއެލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭ ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ބެއިޖިންގް އަރބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީ.ޔޫ.ސީ.ޖީ) އެވެ.
މި މަސައްކަތް ފެށުމަށް މިއަދު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ޗާރޖް ޑެފެއާޒް ހެ ފެން، އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ބީ.ޔޫ.ސީ.ޖީ ގެ ޗެއާރމަން ލީ ވެއިޑޮންގ އަދި އެމް.އޭ.ސީ.އެލް ގެ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ބައިވެރިވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ ސަރުކާރުން އެއަރޕޯރޓް ތަރައްޤީ ކުރުމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބީ.ޔޫ.ސީ.ޖީ އާއި އެމް.އޭ.ސީ.އެލް އެކުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ އެކި މަޝްރޫޢުތައް ހިންގަމުންދާތާ 10 އަހަރުވެފައިވާކަން ފާހަގަ ކުރައްވާ، އެކުންފުނީގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރެއްވިއެވެ.
ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ބީ.ޔޫ.ސީ.ޖީ ގެ ޗެއާރމަން ލީ ވެއިޑޮންގ ވިދާޅުވީ އެމް.އޭ.ސީ.އެލްއާއި އެކުގައި މަސައްކަތް ކުރެވުނު ދިހަ އަހަރުތެރޭ ދެ ކުންފުނީގެ ގުޅުމަކީ ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށްވުރެ، އިތުބާރުބޮޑު ޕާޓްނަރޝިޕަކަށް ވެފައިވާ ކަމަށެވެ. އަދި ބީ.ޔޫ.ސީ.ޖީ ގެ ކޮންމެ ޕްރޮޖެކްޓެއްވެސް ނިންމާފައިވާނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށާއި، މި ޕްރޮޖެކްޓަށްވެސް އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންގެ ޓީމެއް ނަގާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ބީ.ޔޫ.ސީ.ޖީން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކޯޑް-އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓަރމިނަލް، ވީ.އައި.ޕީ / ސީ.އައި.ޕީ ޓަރމިނަލް، ކަރގޯ ޓަރމިނަލް އަދި ފިއުލް ފަރމް ހިމެނެއެވެ. މިއަދު އަމަލީ މަސައްކަތް ފެށި ޓެކްސީވޭ-ޗާރލީ އަކީ ކުރީގެ ރަންވޭ އަދި މިހާރު ޓެކްސީވޭ ގެ ގޮތުގައި ބޭނުންކުރާތަނެވެ. މި ޓެކްސީވޭއަކީ ސުނާމީގައި ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ތަނެއްކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ މަތިމަތިން މަރާމާތު ކުރެވެމުންދިޔަސް، މި ޓެކްސީވޭ އަލުން ބިނާކުރުމުގެ ބޭނުން އޮތީ ބޮޑުވެފައި ކަމަށެވެ. އަދި އަލުން ބިނާކުރެވޭ ޓެކްސީވޭއަކީ އެމަރޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ތަނެއްކަން ފާހަގަ ކުރެއްވިއެވެ.
ޓެކްސީވޭ ޗަރލީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާކުރެވުނު އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭ 1981 ވަނައަހަރު ވައިޑް ބޮޑީ އެއަރކްރާފްޓް ޖެއްސޭ ވަރަށް ވަނީ ތަރައްޤީ ކުރެވިފައެވެ. އެއަށްފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތު ކުރެވިފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް 2004 ގެ ސުނާމީއަށްފަހު ރަންވޭއަށް ވަރަށް ބޮޑަށް ގެއްލުންވެ އަބަދު މަރާމާތު ކުރަންޖެހޭ ޙާލަތަށް ގޮސްފައިވެއެވެ. އެތައް ދުވަހެއްގެ ޚިދުމަތަށްފަހު އަލުން ބިނާކުރެވިގެން މި ދަނީ ދިވެހި ޤައުމުގެ ތަރައްޤީގެ ވަރަށް ގިނަ ސަފްހާތައް ދެކެފައިވާ މުހިއްމު ބިނާއެކެވެ.
އެމްއޭސީއެލުން ބުނީ 3200 މީޓަރުގެ މި ޓެކްސީވޭ ނިމުމުން މިހާރަށްވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ. އެގޮތުން ފްލައިޓް ޓަރން އަރައުންޑް ވަގުތު މަދުކޮށް އޮޕަރޭޝަންސް ހަލުވި ވެގެންދާނެ ކަމަށެވެ.
ގުޅުންހުރި

އެމްއޭސީއެލްގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ސިލްސިލާ އެވެއަރނަސް ޕްރޮގްރާމެއް ފަށައިފި

ވީއައިއޭގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއް!

ވީއައިއޭގެ ޓެކްސީވޭ ޗާރލީ އަލުން ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
