
--
ހަމާސްއިން މިރޭ އިޒްރޭލަށް ދިން ރޮކެޓު ހަމަލާގައި 7 ޔަހޫދީއަކަށް އަނިޔާވެގެން ފަރުވާ ދިން ކަމަށް އަލްޖަޒީރާ އަރަބިކްއިން ރިޕޯޓުކޮށްފި އެވެ.

އިޒްރޭލުގެ ނޫސްތަކާއި ހަވާލާދީ އަލް ޖަޒީރާ އަރަބިކްއިން ރިޕޯޓުކުރާ ގޮތުގައި ހަމާސްގެ ހަނގުރާމަވެރިން އަޝްކެލޯންގައި ދިން ރޮކެޓް ހަމަލާގައި ޒަހަމްވި ހަތް މީހަކު އެ ސިޓީގެ ބާޒިލައި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި އެވެ.
މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާއިން 10 ވަރަށް ރޮކެޓު އިޒްރޭލުގެ ސަރަހައްދުތަކަށް ފޮނުވާލާފައިވާ ކަމަށާއި ބައެއް ރޮކެޓުތައް ހުއްޓުވާފައިވާ ކަމަށެވެ. އަދި ބައެއް ރޮކެޓުތައް އާންމު ސަރަހައްދުތަކަށް ވެއްޓުމާއި އެކު ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ.
މި ހަމަލާގެ ޒިންމާ ނަގައި ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ އަލް ކަސާމް ބްރިގޭޑްސް އިން ބުނީ އަޝްދޯދު ސިޓީއަށް ރޮކެޓް ހަމަލާއެއް ދޭން ފަށާފައިވާ ކަމަށާއި މި ހަމަލާއަކީ އިސްރާއީލުން ޣައްޒާގައި އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.
މި ހަމަލާއާއި އެކު އިޒްރޭލުގެ ގިނަ ސަރަހައްދުގައި ސައިރެންގެ އަޑު ގަދަވި އިރު ޔަހޫދީން ބިރުން ރައްކާތެރިކަން ހޯދަން ދުވެ އުޅުނު މަންޒަރުތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ހަމާސްއިން ރޮކެޓު ހަމަލާތަކެއް ދިން އިރު ޔަމަނުގެ ހޫތިންވެސް ދަނީ އިޒްރޭލަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ސިލްސިލާ ހަމަލާތަކެއް ދެމުންނެވެ.