
--
އދ ގެ އަންހެނުންގެ ހައްގުތަކަށް ވަކާލާތްކުރާ އަދި ބާރުވެރިކުރުމަށް މަސައްކަތް ކުރާ ޚާއްސަ ކޮމިޝަނަށް ދިވެހި ރާއްޖެ އިންތިހާބުވެއްޖެ އެވެ.

'ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން' (ސީއެސްޑަބްލިއު)ގެ މެމްބަރަކަށް ރާއްޖެ އިންތިހާބުވީ 2026-2030ގެ ދައުރަށެވެ.
މިކަން ހާމަކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީއެސްޑަބްލިއުއަށް ރާއްޖެ އިންތިހާބުވުމަކީ ޖިންސުގެ ހަމަހަމަކަން ކުރިއަރުވައި ހާސިލުކުރުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކުގެ ހެއްކެއް ކަމަށާއި އަންހެނުން ބާރުވެރިކުރުވުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް، އެކި ދާއިރާތަކުން ލީޑަރޝިޕްގެ ރޯލުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސިޔާސަތުތައް ކަނޑައަޅައި، ޤާނޫނީ އިޞްލާޙުތައް އުފައްދައި، އިނީޝިއޭޓިވްތައް ޤާއިމުކޮށްފައިވާ ކަމަށެވެ.
" އަޅުގަނޑުމެން އުންމީދު ކުރަނީ، މި ކޮމިޝަނުގެ ޕާޓްނަރުންނާ ގުޅިގެން، ގޭތެރޭގަޔާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް ޓަކައި ހަރުދަނާ ޙައްލުތަކެއް ހޯއްދަވައިދެއްވުމަށް. " ހަލީލްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިއު) އަކީ ޖިންސުގެ ހަމަހަމަކަން ކުރިއެރުވުމާއި، ހައްގުތަކާއި އަންހެނުން ބާރުވެރިކުރުވުމަށް ހާއްސަކޮށް ދުނިޔޭގެ އެންމެ ބޮޑު އިންޓަގަވަމެންޓަލް ބޮޑީ އެވެ. އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އީކޯސޮކް) ގެ ފަންކްޝަނަލް ކޮމިޝަނެއް ކަމަށްވާ ސީއެސްޑަބްލިއު އަކީ 21 ޖޫން 1946 ގެ އީކޯސޮކްގެ ގަރާރު 11 (II) އިން އުފައްދާފައިވާ ކޮމިޝަނެކެވެ.
އެކޮމިޝަންގެ މައިގަނޑު މަގްސަދަކީ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ޖިންސުގެ ހަމަހަމަކަމާއި، އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވުމަށް މަސައްކަތްކުރުމެވެ.
ގުޅުންހުރި

ސައިބަރ ކްރައިމް ހުއްޓުވުމަށް އދ ގެ މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފި

އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ތާރީހީ ދުވަހެއް: އަންހެނުން ބާރުވެރިކުރުވާ އދ ގެ ކޮމިޝަނަށް ރާއްޖެ އިންތިހާބުވެއްޖެ




