
ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތައް!
# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ--
ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތަކާއި ގޮތްތައް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރުގެ ތެރެއިން, ޓީވީއެމަށް ދެއްވި ބަސްދީގަތުމެއްގައެވެ. ދިވެހީންގެ ސަގާފަތާއި މި ފަދަ ތަރިކަތަކުން އަދުގެ ޒުވާން ޖީލަށް ދަސްކޮށްދޭ ކަންކަމަކީ ކޮބާތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހިންނަކީ ވަކި ގޮތަކަށް ތަރުތީބުވެގެން ވަކި ގޮތަކަށް އުސޫލުތަކެއްގައި ހިފަހައްޓައިގެން ތިބި ބައެއްކަމެވެ. އަދި ކިޔަމަންތެރި ބައެއްކަމެވެ. އެއް ސަފެއްގައި އެއް އަމާޒަކަށް އެކުގައި ކުރިޔަށް ދިޔަ ބައެއްކަމެވެ. މި ހުރިހާ މާނައެއް މި ކުޅިވަރުގެ ތެރެއިން ދައްކާދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރަށް ތަހުޒީބު ޙަޟާރަތެއްގެ ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި ހުންނަ އެ ފަދަ ހަރުދަނާ ގޮތްތަކާއި ސިފަތައްކަން ފާހަގަކުރެއްވިއެވެ.
މި އިންޓަވިއުގައި ހިއްޗަށް ވަޑައިގަތުމާ ބެހޭ ގޮތުން ވަޒީރު ވަނީ މަޢުލޫމާތު ދެއްވާފައެވެ.
އެގޮތުން ހިއްޗަށް ވަޑައިގަތުމަކީ ރަސްކަމުގެތެރޭގައި ބޭއްވޭ އަދި ރަސްގެފާނު ބައިވެރިވެވަޑައިގަންނަވާ ވަރަށް ހައިބަތު ހުރި ރަސްމިއްޔާތެއްކަމަށާއި ނަމަވެސް މިރޭ މި ބޭއްވެނީ ހަމައެކަނި އަދުގެ ޖީލުތަކަށް އޭގެ ތަމްސީލީ ދައްކާލުމެއްކަމަށް ވިދާޅުވިއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ރާއްޖޭގެ ތަރިކަ އަދުގެ ޒުވާނުންނަށް ތައުލީމެއްގެ ގޮތުގައި ފޯރުވައިދިނުމުގެ ވިސްނުންފުޅަށް ބައްޓަން ކުރެވިގެން، ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރު އަދުގެ ޒުވާން ޖީލާ ހަމަޔަށް ފޯރުވައިދިނުމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ތާރީޚުގައި މި ހަރަކާތަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ވަކި ދުވަސްތަކެއްގައި، ނުވަތަ ރޭތަކެއްގައި އޮންނަ ހަރަކާތެކެވެ.
މިކަމާ ގުޅިގެން ތަފާތު ކެއްކުންތައް ކައްކާ، ހިތި ގެއެއްވެސް އޭރު ތައްޔާރު ކުރާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި ބަތް ފިޔަފާޅި ކިޔާ ތަނެއް އޭރު ތައްޔާރު ކުރާ ކަމަށާއި މިނޫންވެސް ބައެއް ރަސްމުތައް ހިމެނޭކަން ތާރީޚުން އެނގޭކަމަށް ވިދާޅުވިއެވެ.
މި ތަމްސީލު ގެނެސްދީފައިވަނީ ގިނަ މުއައްސަސާތަކަކުން ގުޅިގެން ވުޒާރާގެ އިސްނެންގެވުމުގެ މަތީންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މިކަންކަން އުފެދިގެން އައިގޮތަކާއި އޭރު މިކަންކަމުން ނެގުނު މާނަތަކަކާ ދިވެހިންގެ ދިރިއުޅުމުގެ ހަޔާތުގައި މިކަންކަން އަދާ ކުރި ދައުރު އެއީ ދިރާސާކޮށް ބަލަން ޖެހޭ ކަންކަން ކަމަށާއި ހިއްޗަށް ވަޑައިގަތުމުގައި އިހު ޒަމާނުގައި ދީނީ ބައެއްވެސް ހިމެނޭ ކަމަށާއި މިހާރު މިގެނެވެނީ ހަމައެކަނި ތާރީޚީ ދައްކާލުމެއްގެ ގޮތުގައިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. ހަމައެހެން އެކި ޒަމާނުގައި އެކި ތަފާތާއެކު ހިއްޗަށް ވަޑައިގަތުން ކުރިޔަށް ކުރިޔަށް ގެންދެވިފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.
ގުޅުންހުރި

ތަރިކައިގެ ހަރަކާތްތައް ހުށަހަޅައިދޭއިރު ދީނީ ހަމަތަކާ އުސޫލުން ބޭރު ނުވާނެކަން ކަށަވަރުކުރާނަން!

ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތައް!

ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޢިލްމީ ޤާބިލުކަން މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ތަމުރީނުތަކެއް މި އަހަރު ހިންގަން ފެށޭނެ!
