logoEN
Sto top
އެމްބާޕޭގެ ދެލަނޑާއެކު ލެގަނޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

އެމްބާޕޭގެ ދެލަނޑާއެކު ލެގަނޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

3/29/2025, 10:39:11 PM

# ދިވެހި ކުޅިވަރު # ރެއާލް މެޑްރިޑް# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ލެގަނޭސް

ލެގަނޭސް ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލެގަނޭސް އާއި ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން އެއްވަނައިގައި އޮތް ބާސެލޯނާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފިއެވެ.

Wamco

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ވިލަރެއާލް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލެގަނޭސް އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް ބެޓިސް އަތުން 3-2 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑެވެ.

އިންޓަނޭޝަނަލް ބުރޭކަށް ލީގުގައި ރެއާލް ކުޅުނު ފުރަތަމަ މެޗު އެޓީމުން ފެށީ މުހިންމު ބައެއްކުޅުންތެރިންނާއި ނުލައެވެ. އެގޮތުން ރޮޑްރީގޯ، ވިނީސިއަސް އަދި ވަލްވޭޑޭ ބަދަލު ކުޅުންތެރިންގެ ގޮތުގައި ދެވަނަ ހާފުގެ ފަހު 30 މިނެޓިގައި ކުޅެން ނުކުތްއިރު، އެއްނަންބަރު ކީޕަރު ޓީބޯ ކޯޓުއާ އަނިޔާގެ ސަބަބުން މެޗު ސްކޮޑުގައި ވެސް ހިމަނާފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން ލީޑުހޯދީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.

ނަމަވެސް ރެއާލްގެ ލަނޑަށްފަހު ކުޅުން ފެށިތާ 10 ވަރަކަށް ސިކުންތު ނުވަނީސް ލެގަނޭސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޑިއޭގޯ ގާސިއާ އެވެ. އަދި އޭގެ އަށް މިނެޓު ފަހުން އެޓީމު ފޯވާޑް ޑެނީ ރަބާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ލެގަނޭސްއަށް ލީޑު ހޯދައިދީފައެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލެގަނޭސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، ފަހުހާފު ފެށިގެން ދެވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިފައެވެ. އަދި މިމެޗުން ރެއާލް މޮޅުވި ލަނޑު ފަހުހާފުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކުރި އެމްބާޕޭ އެވެ.

މިއީ ލެގަނޭސްގެ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމަށް ލިބުނު ހިލޭޖެހުމެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މިސީޒަނުގެ ހުރިހާ މުބާރާތެއްގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 33 އަށް އަރާފައެވެ. އަދި މިއާއެކު ރެއާލް މެޑްރިޑްގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑުޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ކާމިޔާބުކުރި ލަނޑުގެ އަދަަދާއި އެމްބާޕޭ ވަނީ އަރައި ހަމަކޮށްފައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 29 މެޗުން ރެއާލް މެޑްރިޑަށް 63 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ އިތުރަށް އެޓީމުން އެއްމެޗު ކުޅެފައިވީ ނަމަވެސް ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ލެގަނޭސް ލީގުގައި ކުޅުނު 29 މެޗުން ލިބުނު 27 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 18 ވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside