logoEN
Sto top
އިންޒާރު ދިންކަމަށް މާނަކުރެވޭފަދަ އިބާރާތެއް ރައީސް ބޭނުމެއް ނުކުރައްވާ, ދައުވާ ނުކުރަން - ޕީޖީ އޮފީސް

އިންޒާރު ދިންކަމަށް މާނަކުރެވޭފަދަ އިބާރާތެއް ރައީސް ބޭނުމެއް ނުކުރައްވާ, ދައުވާ ނުކުރަން - ޕީޖީ އޮފީސް

އަހުމަދު ޝުރާއު

logo

3/24/2025, 6:08:43 PM

# ޕީޖީ އޮފީސް

---

ރައީސް ޑރ މުހައްމަދު މުއިއްޒު ނޫސްވެރިޔާ ހުސެއިން ފިޔާޒުއަށް އިންޒާރުދިން ކަމަށް ބުނާ މައްސަލާގައި އެކަން ސާބިތުވާވަކަށް ހެކި ގަރީނާ ނެތުމުން ދައުވާ ނުކުރަން ނިންމައިފި އެވެ.

Wamco

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 14 މާރިޗު 2025 ވަނަ ދުވަހުގެ 19:04 އެހައިކަށްހައިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީ.އީ.އޯ ޙުސައިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރުދީފައިވާކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މައްސަލަ އެ ޚިދުމަތުން ތަޙުޤީޤުކުރުމަށް ފަހު، 23 މާރިޗު 2025 ދުވަހު ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ހެކި ޤަރީނާ މި އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙުސައިން ފިޔާޒު މޫސާއަށް ގުޅައި އިންޒާރު ދިންކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާފައިވާކަން އެނގެން ނެތަތީ، މި މައްސަލައިގައި ދަޢުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މިގޮތުން އިންޒާރުދިނުމުގެ ކުށް ޤާނޫނުގައި ތަޖުރީމުކޮށްފައިވާ ގޮތް ކަމަށް ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ގާނޫނު ތަކަކީ:

- ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ ބާބު - އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމައެވެ. އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކައިފިނަމައެވެ.

- ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ – އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމައެވެ.

އެއޮފީހުން ބުނީ ޙުސައިން ފިޔާޒް މޫސާގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށްވާއިރު، މިއީ މަތީގައި ދެންނެވިފައިވާ ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށްނުވާތީ މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް ނިންމީ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside