
އިޒްރޭލުގެ ބޮޑު ސަރަހައްދަކަށް އަމާޒުކޮށް ހުތީން ގިނަ އަދަދެއްގެ ރޮކެޓު ފޮނުވާލައިފި: މުޅި އިޒްރޭލުގައި ސައިރެންގެ އަޑު!
# އިޒްރޭލުއިޒްރޭލުގެ ވެރިރަށް ތެލް އަވީވްއަށް އަމާޒުކޮށް ހުތީން ގިނަ އަދަދެއްގެ ރޮކެޓު ފޮނުވާލައިފި އެވެ.

މެދުއިރުމަތީގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި ޔަމަނުން ފޮނުވާލި ރޮކެޓް ހަމަލާތަކާ ގުޅިގެން ތެލްއަވީވް އާއި ހިފާފައިވާ ފަލަސްތީނުގެ މެދުގައި ވާ އިސްރާއީލުގެ ވަށައިގެންވާ އާބާދީތަކުގައި ސައިރަންގެ އަޑުތައް ވަނީ ގަދަވެފައި އެވެ.
އަދި ވައިގެ ހަމަލާތައް ޓްރެކްކުރާ ވެބްސައިޓުތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ރޮކެޓު ހަމަލާތަކުގެ އިންޒާރު އިޒްރޭލުގެ ބޮޑު ސަރަހައްދަކަށް ވަނީ ނެރެފައި އެވެ.
މި ހަމަލާއާއި ގުޅިގެން އިޒްރޭލު އަސްކަރިއްޔާއިން ރަސްމީ ބަހެއް އަދި މިހާތަނަށް ބުނެފައި ނުވެއެވެ. ނަމަވެސް ރޮކެޓުތައް އިންޓަސެޕްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިޒްރޭލުގެ މިޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
މި ހަމަލާއާއި ގުޅިގެން އިޒްރޭލަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ލިބިފައި ނުވާއިރު ހޫތީން އިއްޔެވެސް ވަނީ އިޒްރޭލަށް ހަމަލާތަކެއް ދީފައި އެވެ. އެގޮތުން ފޮނުވާލި ތިން ރޮކެޓުގެ ތެރެއިން އެއް ރޮކެޓު އިންޓަސެޕްޓު ކުރި ނަމަވެސް އަނެއް ދެ ރޮކެޓު ވަނީ ތެލް އަވީވްގެ ހުސް ބިންތަކަށް ވެއްޓިފައި އެވެ.
ޔަމަނުން އިޒްރޭލަށް އަމާޒުކޮށް ހަމަލާތައް ދެމުން މިދަނީ ދާދި ފަހުން އެމެރިކާއިން ޔަމަނުގެ ހޫތީންނަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން އެމެރިކާއިން ދިން ހަމަލާތަކަކީ އިޒްރޭލަށް ތާއީދުކުރުމަށް ދިން ހަމަލާތަކަކަށް ވާއިރު ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށާއި ޔަހޫދީން ޣައްޒާގައި ހިންގަމުންދާ އުދުވާން ހުއްޓާލަންދެން އިޒްރޭލަށް ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ހޫތީން ވަނީ އިއްޔެ ދީފައި އެވެ.
މި އިންޒާރު ހޫތީން ދީފައިވަނިކޮށް އިޒްރޭލުން ރޭ ވަނީ ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.