
--
ގައުމީ އެއާލައިން , މޯލްޑިވިއަންއިން ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އާއި އިންޑިއާގެ ބެންގަލޫރާއި ދެމެދު ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

މިކަން ހާމަކޮށް މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ބެންގަލޫރާ ދެމެދު އަންނަ މޭ މަހުގެ 15 ވަނަ ދުވަހު ދަތުރުތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން މި ރޫޓުގެ ދަތުރުތަކާއި އެކު ރާއްޖޭގެ އުތުރުގެ ސަރަޙައްދުތަކާއި ބައިނަލަގްވާމީ މުހިންމު މަންޒިލްތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް މޯލްޑިވިއަންއިންކުރަމުން އަންނަ މަސައްކަތްތައް ހާމަވެގެންދާ ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މޯލްޑިވިއަންއިން ބުނީ އެއާލައިންގެ އަމާޒަކީ މި ރޫޓާއި އެކު އުތުރުގެ ފަސިންޖަރުންނަށް ދަތުރުފަތުރުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާއި ރާއްޖެއާއި އިންޑިއާއާ ދެމެދު ސަގާފީ އަދި އިގްތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުން ކަމަށެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިހާރު ވެސް ހަނިމާދޫން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުތައް ކުރާއިރު އިރު ބެންގަލޫރަށް ދަތުރުތައް ފެށުމަކީ އެކުންފުނީގެ ހިދުމަތްތައް ފުޅާ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
މޯލްޑިވިއަން އިން ހަފްތާއަކު ދެ ފްލައިޓު ހަނިމާދޫން ބެންގަލޫރަށް ބާއްވާނެ އެވެ. އެއީ ކޮންމެ އާދިއްތަ އާއި ބުރާސްފަތީގަ އެވެ. ހަނިމާދޫ- ބެންގަލޫރު ރޫޓުގެ ދަތުރުތަކަށް މިއަދުން ފެށިގެން ބުކިން ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ. އެގޮތުން އެކުންފުނީގެ ވެބްސައިޓާއި ޓިކެޓިންގ އޮފީސްތައް މެދުވެރިކޮށް ބުކިން ހެދޭނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.