logoEN
Sto top
ވިކިންގްސް އަތުން ބަލިވެ އަމިގޯސް މުބާރާތުން ކަޓައިފި

ވިކިންގްސް އަތުން ބަލިވެ އަމިގޯސް މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން

logo

3/15/2025, 2:36:41 PM

# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރު

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެޓީމުގެ ހަސަން އާނިޝް ރަޝީދު

މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް ސީގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި އެފްސީ އަމިގޯސް އާއި ވިކިންގްސް އެފްސީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވިކިންގްސް އިން ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އަމިގޯސް ކުޅުނު ފުރަތަމަ މެޗުގައި ކުލަބު ލޯތަރި އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ގަބުރު އެފްސީ އާއި ދެކޮޅަށް އަމިގޯސް ކުޅުނު ދެވަނަ މެޗު ވެސް ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ގުރޫޕް ސްޓޭޖުގައި ވިކިންގްސް ކުޅުނު ފުރަތަމަ މެޗުގައި ގަބުރު އެފްސީ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި ކުލަބު ލޯތަރި އަތުން 4-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ވިކިންގްސް އިން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ވިކިންގްސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ ސާހީ ސައީދު އެވެ. އަދި މީގެ އިތުރުން ވެސް މިމެޗުގައި ވިކިންގްސް އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ވިކިންގްސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ހަސަން އާނިޝް ރަޝީދު އެވެެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވިކިންގްސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަމިގޯސް ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ.

6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside