
--
ރާއްޖެއާއި ދެކުނު އެފްރިކާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެކުނު އެފްރިކާގެ ޖޮހަނަސްބާގާ ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގެ އިޝާރާތެއް ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން އަމީން ވިދާޅުވީ ދެކުނު އެފްރިކާގެ ވެރިރަށް، ޖޮހަނަސްބާގުން ސީދާ ރާއްޖެ އަށް މޯލްޑިވިއަނުން ދަތުރުތައް ފެށުމުން ދެކުނު އެފްރިކާ އިން ރާއްޖެ އަންނަން ނަގާ ވަގުތު ވެސް 24 ގަޑިއިރުން 8 ގަޑިއިރަށް ކުޑަވެގެން ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ދަތުރުތައް ރަސްމީކޮށް ފަށާނެ ތާރީހެއް އަދި މިހާތަނަށް މޯލްޑިވިއަންއިން ހާމައެއް ނުކުރެއެވެ.
ވީއައިއޭ އާއި ޖޮހަނަސްބާގާ ދެމެދު ދަތުރުތައް ފަށަން ތައްތާރުވަމުންދާއިރު މިދިޔަ އަހަރުގެ ތެރޭގައި ދެކުނު އެފްރިކާ އަށް ޖެނެރަލް ސޭލްސް އެޖެންޓެއް ހޯދަން ވެސް އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) އިން އިއުލާންކުރި އެވެ.
ގައުމީ އެއާލައިންގެ ފްލީޓާއި ގުޅުނު ވައިޑް ބޯޑީ މަތިންދާބޯޓުތަކާއި އެކު ބޭރުގެ މަންޒިލްތަކަށް އެއާލައިނުން ކުރަމުންދާ ދަތުރުތައް ފުޅާކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު، ޖެނުއަރީ މަހު، މޯލްޑިވިއަނުން ވަނީ އެއަރބަސް އޭ330 ބޯޓެއް ގެނެސް ޗައިނާއަށް ދަތުރުތައް ފަށާފައި އެވެ މި ބޯޓަކީ 264 ފަސިންޖަރުން އުފުލޭ ބޯޓެކެވެ. މިހާރު މި ބޯޓުން ޗައިނާގެ ތިން ސިޓީ ކަމަށްވާ ބެއިޖިންގ، ޗެންގްދޫ އަދި ޝަންހާއީއަށް ސީދާ ދަތުރުތައް ކުރަމުން ގެންދެއެވެ.
މީގެ އިތުރުން، މޯލްޑިވިއަނުން ވަނީ މި އަހަރު ތެރޭގައި ޖަރުމަނުވިލާތަށް ވެސް ދަތުރުތައް ފަށާނެ ކަމަށް އިޢުލާނުކޮށްފައެވެ. އަދި އިތުރު އޭ330 ބޯޓެއް ގެނެސް ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ރާވާފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.